ހައްޖަށް ގެންގޮސް ދޭނެ ކަމަށްބުނެ މީހުން އަތުން ފައިސާ ނަގެމަށްފަހު ހައްޖަށް ނުގެންދިޔަ ފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ވެރިޔާ މުސްތަފާ މުހައްމަދުދީދީގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާގެ ތެރެއިން ހިޔާނާތުގެ ދައުވާ އަލުން ބެލުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލަ އަކީ 2014ވަނަ އަހަރުގެ ތެރޭގައި ހިނގި ކަމެކެވެ. އެގޮތުން 72 މީހެއްގެ އަތުން ޖުމްލަ 5.6 މިލިއަން ރުފިޔާ ފަތުހް ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު މުސްތަފާ ދީދީ ނެގި މައްސަލާގައި އޭނާ މީގެކުރިން ހައްޔަރުވެސް ކުރިއެވެ. އަދި ދައުލަތުން މުސްތަފާގެ މަައްޗަށް ދައުލަތުން ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާ އުފުލިއެވެ.
މުސްތަފާ ދީދީ ހައްޔަރު ކުރުމަށްފަހު ސިއްހީ ހާލަތު ހުރި ގޮތުން ފުލުހުން ވަނީ އޭނާ ފަހުން ދޫކޮށްލާފައެވެ. 2018ވަނަ އަހަރު މުސްތަފާ ވަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއިން ސަލާމަތްވެފައެވެ. އޭނާގެ މައްޗަށް އުފުލި ހިޔާނާތުގެ ދައުވާ ކްރިމިނަލް ކޯޓުން ބާތިލް ކުރިއެވެ. މައްސަލަ ބާތިލް ކުރީ އެ މައްސަލާގައި ކޮށްފައިވާ ތަހުގީގަކީ ބާތިލް ތަހުގީގެއް ކަމަށް ބުނެއެވެ.
މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއިން އިން މުސްތަފާ ސަލާމަތްވުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އިއްވި ހުކުމްގައި ވަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އާއި ގުޅިގެން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށެވެ. ނަމަވެސް ހިޔާނާތުގެ ދައުވާ ދަށު ކޯޓުން ބޭރުކޮށްލީ ރަނގަޅަށް ނޫން ކަމަށް ހައިކޯޓުން ބުންޏެވެ. އެ ދައުވާ ބާތިލްކުރީ އެ މައްސަލައިގެ ތަހުގީގަކީ ބާތިލް އެއްޗެއް ކަމަށް ނިންމާފައިވީ ނަމަވެސް ހިޔާނާތުގެ އުންސުރުތަކަށް ދަށު ކޯޓުން ބަލާފައި ނުވާ ކަމަށް ހައިކޯޓުން ބުންޏެވެ.