ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްސަލަތައް ބާތިލް ކުރުމަށް ނިންމި ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު ސަސްޕެންޑު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނީ ޖޭއެސްސީން ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ބަލަމުން އަންނައިރު އޭނާ މަގާމުގައި ދެމިހުރެއްޖެ ނަމަ އެ މައްސަލަ ތަހުގީގު ކުރުމަށް ހުރަސް އެޅިގެން ދާނެ ކަމަށެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ ގާޒީ އިސްމާއީލް ރަޝީދު ފާޅުކަން ބޮޑު ގޮތެއްގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ވެސް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އޭނާ މިހާރު ވަނީ މިނިވަން ވެފައެވެ. އެ ދައުވާތައް ބޭރުކޮށްލި މައްސަލަ ދައުލަތުން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ.
ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުންނެވެ. މި މައްސަލަ ހުށަހެޅީ ގާޒީ އިސްމާއިލް ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރު އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެއެވެ.
އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލް ކުރުމުގައި ބޮޑަށް ބިނާކޮށްފައި އޮތީ އަދީބު އާއިއެކު ތަހުޤީގު މަރުހަލާގައި ޕްރޮސެކިއުޓަރ ޖެނަރަލް އާއި އަދީބުއާއެކު ވެފައިވާ އެއްބަސްވުންތަކުގެ މައްޗަށެވެ.
ގާޒީ އިސްމާއީލް ރަޝީދު ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުން ގެންދާ ގައިދީއަކަށް ބޭސްފަރުވާ ދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. ބޭސްފަރުވާ ލިބޭނީ ވަކި ކުށްތަކަކަށް އިއުތިރާފްވުމުން ކަމަށް ޝަރުތުކޮށް، އެއްބަސްވުން ހެދުމުގެ ބާރެއް ދައުލަަތަށް ނޯންނާނެ ކަމަށާއި އެއީ ޓޯޗާގެ އަމަލެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ އަދީބާއިއެކު އިއުތިރާފު އެއްބަސްވުމެއް ހެދުމުގައި ޕްރޮސިކިއުޓަރު ޖެނެރަލް އާއި އަދި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. ބޭސްފަރުވާގެ ކަންކަމުގައި ޕީޖީގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށާއި އެކަމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓަރާއި ކަރެކްޝަންސް ޒިންމާވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ ވެސް ކޮށްފައި ވަނީ ސައްހަ ނޫން އެއްބަސްވުމެއްގެ ދަށުން ކަމަށްވާތީ އެ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެހެންވެ އެ ދައުވާތައް ބާތިލްކުރީ ކަމަށް ވެސް ގާޒީ އިސްމާއިލް ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް އުފުލާފައި ވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.