އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ މާލީ ބަޔާން އޮޑިޓަރަކު ލައްވައި، އޮޑިޓް ކުރުވަން ޖެހޭ ގޮތަށް ހަދައިފިއެވެ.
އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނުގެ ދަށުން އިންތިހާބުތަކުގައި ވާދަކުރާ ކޮންމެ ކެންޑިޑޭޓަކު ވެސް އިންތިހާބު ނިމުމުން އިންތިހާބަށް ކުރި ހަރަދުތަކާއި އިންތިހާބަށް ލިބިގެން ދިޔަ ފައިސާތަކުގެ ތަފްސީލީ މާލީ ބަޔާނެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވަނީ ލާޒިމްކޮށްފައެވެ.
މީގެކުރިން މާލީ ބަޔާނުގެ ސައްހަކަން ކަށަވަރު ކުރަން ޖެހެނީ އިލެކްޝަންސް ކޮމިޝަނުންނެވެ. ނަމަވެސް މިހާރު އިންތިހާބުތަކާއި ބެހޭ އާއްމު ގަވާއިދު މިހާރު ވަނީ އިސްލާހު ކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ގެނެސްފައިވާ އިސްލާހުގައި ރާއްޖޭގައި ބާއްވާ ހުރިހާ އިންތިހާބެއްގައި ވެސް ވާދަކުރައްވާ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހެޅުމުގެ ކުރިން ދައުލަތުގެ އިދާރާއެއްގައި ރަޖިސްޓްރީ ކޮށްފައިވާ އޮޑިޓަރެއް ލައްވާ އެ މާލީ ބަޔާން އޮޑިޓް ކުރުވަން ޖެހެއެވެ.
މާލީ ބަޔާން އޮޑިޓް ކުރާ އޮޑިޓަރު ބަލަންޖެހޭ ކަންކަމުގެ ތެރޭގައި ކެންޑިޑޭޓަށް އިންތިހާބަށް ލިބޭ ފައިސާ ޖަމާ ކުރުމަށް ވަކި އެކައުންޓެއް ހަދާފައިވޭތޯ އާއި އެހީ ބަލައިގަތީ ގާނޫނުގައި ބުނާ މިންވަރަށް ވުރެ އިތުރު ނުވާ ގޮތަށް ކަން ވެސް އޮޑިޓަރުން ބަލަން ޖެހެއެވެ. މީގެއިތުރުންވެސް އެހެން ބައެއް ކަންކަން އޮޑިޓަރު ބަލަން ޖެހެއެވެ.