ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ޖެހޭ ގޮތަށް ޖިންސީ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ އިސްލާހު ބަލައިގެންފައި ވަނީ 71 މެންބަރުންވެ ވޯޓުންނެވެ.
އެ އިސްލާހުގައި ރޭޕްގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައި ދިނުމުގައި ހެކި ނެތިގެން މައްސަލަތައް ސާބިތު ނުވާތީ އިންސާފު ހޯދައި ދިނުމަށް ހުރަސް އެޅޭ ކަމަށް ބުނެފައިވެއެވެ.
އިސްލާހުގައި ބުނެފައި ވަނީ ކުށުގެ ޝިކާރައަކަށްވާ މީހާގެ އަންނައުނުން ސާމްޕަލް ނަގާ އެ ސާމްޕަލްގެ ފޮރެންސިކް ތަހުލީލު ކުރުމަކީ ލާޒިމް ކަމެއް ކަމަށެވެ. އެ ތަހުލީލުތައް ކުރުމަށް އިސްލާހުގައި ވަނީ ރޭޕް އެވިޑެންސް ކިޓު ބޭނުން ކުރަން ހުށަހަޅާފައެވެ. އިސްލާހުގައި ބުނެފައި ވަނީ ރޭޕް އެވިޑެންސް ކިޓުން ކުރިމަތި ފަރާތާއި ފުރަގަސް ފަރާތުން ނަގާ ސާމްޕަލް އާއި އަނގައިން ނަގާ ސާމްޕަލް އާއި ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލް ވެސް ނެގެން ޖެހޭނެ ކަމަށެވެ.
ރޭޕް ކިޓުން ޓެސްޓު ހެދުމުގެ ތަމްރީން ލިބިފައިވާ ޑޮކްޓަރެއް ނުވަތަ ނަރުހެއް ކޮންމެ ސިއްހީ މަރުކަޒެއް ނުވަތަ ހޮސްޕިޓަލެއްގައި ތިބިތޯ ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން ކަށަވަރު ކުރުމަށްފަހު އެކަމާއި ގުޅޭ ރިޕޯޓެއް އަހަރަކު އެއްފަހަރު ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން އެކުލަވާލަން ޖެހެއެވެ. އަދި އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ވެސް ހިއްސާ ކުރަން ޖެހެއެވެ.