ފެނާއި ނަރުދަމާގެ ބިލު ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ފެނާއި ނަރުދަމާ އާއި ގުޅޭ ގޮތުން ސަރުކާރުން ހުށަހެޅި މި ބިލު ފާސްކޮށްފައި ވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި 67 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ހުށަހެޅީ މައިގަނޑު ހަތް މަޤްޞަދެއް ޙާޞިލުކުރުމަށްޓަކާއި ކަމަށް ސަރުކާރުން މީގެކުރުން ވަނީ ބުނެފައެވެ.
އެއީ ޞިއްހީ ގޮތުން ރައްކާތެރި އަދި ބޭނުންކުރަން ކަމުދާ ސާފު ފެން ރައްޔިތުންނަށް ލިބިދޭކަން ކަށަވަރުކުރުމާއި، ލިބެންހުރި ފެނުގެ ވަސީލަތްތައް ބޭނުންކުރުމުގައި މިހާރުގެ ޖީލުތަކަށާއި، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތަށް އެ ވަސީލަތްތައް ރައްކާތެރިކުރުމާއި، ޙިމާޔަތްކުރުމާއި، ތަރައްޤީކުރުމާއި، އޭގެ މަންފާ ފުރިހަމައަށް ލިބިދެވޭނެ ގޮތްތަކެއް ކަނޑައަޅައި ތަންފީޛުކުރުމެވެ.
އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ މިންވަރެއްގެ ނަރުދަމާގެ ނިޒާމެއް ޤާއިމުކޮށް، އެ ޚިދުމަތް ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތްތަކެއް ކަނޑައެޅުމާއި، އެކަން ކަށަވަރުކުރުމާއި، ރާއްޖޭގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި ތަންތަނާއި ސިނާޢީ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ތަންތަނުގައި އެތަނަކާ އެކަށީގެންވާ ގޮތެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ލިބިދެވޭކަން ކަށަވަރުކުރުމާއި، ފެނާއި ނަރުދަމާގެ ޚިދުމަތާއި، އެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ރެގިއުލޭޓުކޮށް ބެލެހެއްޓުމާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުމަކީ މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ސަރުކާރުން ބުންޏެވެ.
މީގެއިތުރުން ފެނުގެ ވަސީލަތްތަކަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ހުއްޓުވުމަށް ނުވަތަ ކުޑަކުރުމަށް، ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލައި އޭގެ ދަށުން މަސައްކަތްކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ބާރުއެޅުމާއި، ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ގަޞްދުގައި ދޭ ގެއްލުމުގެ ސަބަބުން ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ގެއްލުމާ ގުޅިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުމަކީ މި ބިލުގެ މަގުސަދެކެވެ.