Last Updated: November 25, 11:46
Monday, November 25, 2024
ޚަބަރު

ބިދޭސީންގެ މައްސަލަ، ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ނިންމައިފި

ބިދޭސީންތަކެއް ބަންގަލަދޭޝް ހައިކޮމިޝަން ކައިރީގައި ކިއު ހަދާފައި -- ފޮޓޯ / ސަން

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާއިރު އެ މައްސަލައަކީ މިހާރު ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ކަނޑައަޅާފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ ރާއްޖޭގައި މިވަގުތު ދެލައްކައެއްހާ ބިދޭސީން އުޅޭ ކަމަށް ދިފާއީ ބާރުން ތައްޔާރުކުރި ސްޓަޑީއަކުން ދައްކާ ކަމަށެވެ.

ޝަމާލް ވިދާޅުވީ ރާއްޖޭގައި އޭގެ ތެރޭގައި އެއް ލައްކަ ހަތްދިހަ ނުވަ ހާސް ނުވަސަތޭކަ ފަންސާސް ހަތަރު މީހުންނަކީ ގަވާއިދާ އެއްގޮތަށް އުޅޭ މީހުން ކަމަށާއި އަދި ގަވާއިދާއި ހިލާފަށް 60،000 ބިދޭސީން އުޅޭ ކަމަށް ޝަމާލް ވިދާޅުވިއެވެ.

ރާއްޖޭގައި ޒުވާނުންގެ އާބާދީއަށް ވުރެ ބިދޭސީންގެ އާބާދީ ބޮޑުވެފައިވާތީ ޝަމާލް ވަނީ އެކަމަކީ އަވަސް ހައްލެއް ހޯދަން ޖެހިފައިވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. މިއަދު ރާއްޖެއިން ފެންނަމުން ދަނީ އިސްތިއުމާރީ ބާރަކުން ގައުމެއް ހިފާފައި އޮންނައިރު ފެންނަ މަންޒަރުތައް ކަމަށް ޝަމާލް ވިދާޅުވިއެވެ. ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކުން ވެސް ގަވާއިދާ ހިލާފަށް އުޅޭ މީހުން ލައްވައި މަސައްކަތް ކުރުވާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވަނީ ބިދޭސީންގެ މައްސަލައަކީ 24 ގަޑިއިރުން ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި މައްސަލައަކީ "ރެޑިކަލް" މައްސަލައެއް ކަމަށާއި އެކަމަށް ގެނެވެން އޮތް ހައްލަކީވެސް "ރެޑިކަލް" ހައްލެއް ކަމަށް ޝަމާލް ވިދާޅުވިއެވެ.