Last Updated: November 25, 12:52
Monday, November 25, 2024
ޚަބަރު

ކައުންސިލްތައް އުވާލަން ގޮވާލައި ޖާބިރު ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

އަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ކޮވިޑް-19 އާއި ގުޅިގެން ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސިޓީ ކައުންސިލްތަކާއި، އަތޮޅު އަދި ރަށު ކައުންސިލްތައް އުވާލުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފިއެވެ.

މި ގަރާރަށް ބަހުސް ވެސް ކުރިއެވެ. ނަމަވެސް އިތުރަށް ގަރާރު ދިރާސާ ކުރުމަށް މަޖިލީހަށް ބަލައިގަންނަން ފެނޭތޯ މިއަދުގެ ވޯޓު ގަޑީގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ގަރާރު ބޭރުކޮށްލައިފައެވެ.

ޖާބިރު ވިދާޅުވީ މި ގަރާރު ހުށަހެޅީ ކޮވިޑާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސިނާއަތެއް ހުއްޓި، ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވެ، ދައުލަތް ބަނގުރޫޓުުވުމާ ދިމާލަށް މިސްރާބު ޖަހާފައިވާތީ، އިގްތިސާދަށް ލިބުނު ފޫބައްދަން ދަތި ގެއްލުންތަކުން ސަލާމަތްވުމާއި ހަމައަށް، ސަރުކާރުން ކުރަންޖެހޭ ހަރަދުތައް ބޮޑުތަނުން ކުޑަކޮށް، ގައުމު ސަލާމަތްވާނެ ގޮތުގެ މަތީން ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ.

އެގޮތުން މި ގަރާރުގައި ވަނި ހަރަދު ކުޑަކުރުމުގެ ގޮތުން ސިޓީ ކައުންސިލްތަކާއި، އަތޮޅު އަދި ރަށު ކައުންސިލްތައް ވަގުތުން އުވާލުމަށާއި، ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ގާނޫނު ވަގުތުން އުވާލުމަށް ގޮވާލާފައެވެ.

މީގެއިތުރުން ކައުންސިލްތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރޭތޯ ބެލުމަށް އުފައްދާފައިވާ ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް މި ހިނދުން މި ހިނދަށް ފެށުމަށް މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާ އަށް މި ގަރާރުގައި ވަނީ ގޮވާލާފައެވެ.

ކައުންސިލްތައް އުވާލުމަށް ގޮވާލައި ޖާބިރު ގަރާރެއް ހުށަހެޅިއިރު، ދާދިފަހުން މަޖިލީހުން ވަނީ ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމަން ގާނޫނު އަސާސީ އަށް އިސްލާހެއް ގެންނަން ފާސްކޮށްފައެވެ.