ބ. ހިތާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހިތާދޫ އިން ޕޮޒިޓިވްވެފައި ވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާގެ ޓެސްޓު ހަދާފައި ވަނީ ބ އަތޮޅު ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ކޮވިޑް19 ސެންޓަރުންނެވެ.
އޭނާ ހިތާދޫ އަށް ކަރަންޓީނަށް ދިޔައީ ކޮން ދުވަހަކު ކަމެއް ސާފެއް ނޫނެވެ. ނަމަވެސް މިއީ ހިތާދޫ އިން މި ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ.
ރާއްޖެއިން މިހާރު ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އަނެއްކާވެސް އިތުރުވަމުންނެވެ. އަދި ޕޮޒިޓިވްވާ މީހުންގެ ތެރެއިން މިހާރު ގިނައީ ވެސް ދިވެހިންނެވެ. މިހާރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 3000 އިން މައްޗަށް ވަނީ އަރާފައެވެ.
މި ބަލީގައި 15 މީހަކު މަރުވެފައިވާއިރު، ފަރުވާދެމުން އަންނަނީ 600 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އޭގެ ތެރެއިން އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 475 މީހުންނެވެ.