ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ސަސްޕެންޑު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝުޖާއު އުސްމާނާއި ގުޅޭ ގޮތުން އެ ކޮމިޝަނުން ދެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ޖޭއެސްސީން ބުންޏެވެ.
ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި ގެމަނަފުށީ މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެކަމުގައިވާނަމަ ބަންދުގައި ހުރި މީހާ މިނިވަންކުރާނެ ކަމުގެ މަޝްވަރާކޮށްފައިވާ ކަމުގެ ތުހުމަތުވެސް ޖޭއެސްސީން އަންނަނީ ޝުޖާއު އަށް ކުރަމުންނެވެ.
މީގެކުރުން ޖޭއެސްސީ އަށް ވަނީ ހައިކޯޓުގެ މުވައްޒަފަކަށް ކާވެނި ހުށަހަޅައި، ފުރައްސާރަކުރި ކަމުގެ ތުހުމަތު ޝުޖާއު އުސްމާންގެ މައްޗަށް ކުރެވޭ މައްސަލައެއް ޖޭއެސްސީ އަށް ހުށަހަޅާފައެވެ.