މެލޭޝިއާގެ މީހުން އެއްވެ އުޅޭ ހުރިހާ ތަނެއްގައި މާސްކު ބޭނުން ކުރުން މަޖުބޫރު ކުރުމަށް އެޤައުމުން ނިންމައިފިއެވެ.
އޮގަސްޓު 1 އިން ފެށިގެން އަމަލު ކުރަން ހަމަ ޖެހިފައިވާ މި ނިންމުން އިއުލާން ކުރެއްވީ މެލޭޝިއާގެ ސެކިއުރިޓީ އާއި ބެހޭ އިސް ވަޒީރު، ޑަޓުކް ސެރީ އިސްމާއިލް ސަބްރީ ޔާކޮބް އެވެ.
އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން އެޤައުމުން މާސްކު އެޅުން މަޖުބޫރު ކޮށްފައި ނުވަނީ މަދު އާމްދަނީ ލިބޭ ފަރާތްތަކަށް މާސްކުު ގަނެގެން އެޅުމަށް ދަތި ތަކާއި ދިމާ ވެދާނެ ކަމަށް ވިސްނާފައެވެ. ނަމަވެސް، މި ނިންމުން އެޤައުމުން ނިންމަން ޖެހުނީ ފާއިތުވި ތިން ދުވަހު އެޤައުމުގައި ކޯވިޑް-19 ގެ ކޭސްތައް އިތުރުވެ، އާންމުންގެ ތެރޭގައި ކޯވިޑް-19 އާއި މެދު އަމަލު ކުރަން އޮންނަ އުސޫލާއި އެއްގޮތަށް އަމަލު ކުރުން މަދު ވެފައި ވުމުންނެވެ.
އަދި މި އެންގުމަށް އަމަލު ނުކުރާ ފަރާތްތަށް ޖުރުމަނާ ކުރެވިގެން ދާނެއެވެ. ނުވަތަ ޝަރީއަތެއް ހިންގައި އަދަބު ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ގޭގައި ކަރަންޓީނު ކުރެވޭ 50 އިންސައްތަ މީހުން އެސްއޯޕީ އަކަށް އަމަލު ނުކުރޭ. ކޯވިޑް-19 ގެ ކޭސްތައް ޤައުމުގައި 'ޑަބަލް ޑިޖިޓްސް' އަށް އިތުރު ވުމުން ސަރުކާރުން މިވަނީ މިކަން މަޖުބޫރު ކުރަން ނިންމާފައި." އޭނާ ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވިއެވެ.
މިހާރު އެޤައުމުން އަންގާފައި އޮތް ގޮތުން، އެންމެ ރަނގަޅު ގޮތަކީ ކޮންމެ 3 ގަޑި އިރަކުން މާސްކު ބަދަލު ކުރުމެވެ. ނަމަވެސް ކޮންމެ ދުވަހަކަށް މާސްކެއް އެޅުން ވެސް އެންމެ ރަނގަޅު ވާނެއެވެ.
އެޤައުމުން މިހެން އަންގާފައި ވީ ނަމަވެސް، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ އިން ވަނީ ގޭގައި ވަކި ގޮތަކަށް ތައްޔާރު ކޮށްގެން ހަދާ މާސްކު އެޅުމުގައި މައްސަލަ އެއް ނެތް ކަން ހާމަ ކޮށްފައެވެ. އަދި މެލޭޝިއާ އިން ވަނީ އެޤައުމުގައި ބޭނުން ކުރެވޭނެ ފޮތި މާސްކު ތަކުގައި ހުންނަން ޖެހޭނެ ސިފަ ތައް ފަހުން އިއުލާން ކުރާނެ ކަން ހާމަ ކޮށްފައެވެ.
މި ނިންމުމަށް އަމަލު ކުރަން ފެށޭނީ އޮގަސްޓް މަހުގެ 1 ވަނަ ދުވަހު ނަމަވެސް، އެޤައުމުގެ ސަރުކާރުން ވަނީ ވީހާވެސް އަވަހަކަށް މީހުން މާސްކު އަޅައި، އިޖުތިމާއީ ގައި ދުރު ކަމާއި، އެސްއޯޕީއަށް އަމަލު ކުރުމަށް ގޮވާލާފައެވެ.