އެންމެ ފަހުން އެމްޑީޕީ އިން އިއުލާން ކުރީ އެމްޑީޕީ ގެ "އޯގާތެރި ސަރުކާރު، އޯގާތެރި މުޖުތަމަޢު" މެނިފެސްޓޯއެވެ. މި މެނިފެސްޓޯ ގައި އިޖުތިމާއީ ރައްކާތެރިކަމަށްޓަކައި ހިންގޭނެ ޕްރޮގްރާމްތައް ހިމެނިފައި ހުއްޓެވެ. އޭގައި ހުރި ކަންތައްތަކުގެ ތެރެއިން އެންމެ ލޮލުގައި އަޅައިގަތީ ސްކޫލް ކުދިންނަށް ދެވޭ ދޮންކެޔޮ ވަކާއި ކިރުތަށީގެ ވާހަކައެވެ.
މާ ބޮޑު ވިސްނުމެއް ނެތި އެކަމާއި މެދު ހިޔާލު ކޮށްލުމުން ދެން އެއީ ވަރަށް ސަޅި ކަމެކެވެ. ދޮންކެޔޮ އަދި ކިރަކީ ސިއްހަތަށް ވެސް ނުހަނު ފައިދާ ލިބިދޭ ހެދި ބޮޑުވުމަށް ބޭނުންވާ މާއްދާތައްވެސް ގިނައިން އެކުލެވޭ އެއްޗެކެވެ. މީގައި މުހިންމީ ދޮންކެޔޮ އަދި ކިރުގެ ހުރި ސިއްހީ ފައިދާއެއް ނޫނެވެ. މުހިންމީ ދިވެހި ދައުލަތުގައި އެފަދަ ކަމެއް ކޮށްދޭން ކެރި ފޯރުންތެރިކަން ހުރި މިންވަރެވެ.
މިކަމަކީ ވާނެ ކަމެއްކަމާއި މެދު ވިސްނާލީ ކިތައް މީހުންކަމެއް ނޭނގެއެވެ. އެންމެ ފުރަތަމަ ދިވެހިރާއްޖޭގައި އުޅޭ ކިޔަވާ ކުދިންގެ އަދަދު 65000 (ފަސްދޮޅަސް ފަސް ހާސް) އަށް ވުރެވެސް ގިނައެވެ. ނަމަވެސް މިހާލަތުގައި ހިސާބުޖެހުމަށް ބޭނުން ކުރާ އަދަދެއްގެ ގޮތުން އެ އަދަދު ބޭނުން ކުރަމާ ހިނގާށެވެ.
ރާއްޖޭގެ ބާޒާރުގައި މިވަގުތު ކެޔޮ ވަކެއްގެ އަގު އެންމެ މަތިކޮށް ހުރީ 5 ރުފިޔާގައެވެ. އެންމެ ދަށް އަގަކަށް ހުރީ 2 ރުފިޔާގައެވެ. މިސާލަކަށް ކެޔޮވަކެއްގެ އެވްރެޖް އަގަކީ 2 ރުފިޔާ 50 ލާރި ކަމުގައ ވާނަމަ 65000 ކުދިންނަށް ދުވާލަކު ކެޔޮވަކެއް ދިނުމަށް ހަމައެކަނި ދޮންކޭލުގެ ޙަރަދައް 162500 (ސަތޭކަ ފަސްދޮޅަސް ދެހާސް ފައްސަތޭކަ) ރުފިޔާ ޙަރަދު ވާނެއެވެ. ދިރާސީ އަހަރެއްގައި އޮންނަނީ އާންމުކޮށް 205 ދުވަހެވެ.
އެހެންކަމުން ދިރާސީ އަހަރަކަށް ޖުމްލަގޮތެއްގައި 33312500 (ތިރީސް ތިން މިލިއަން ތިން ސަތޭކަ ބާރަ ހާސް ފައްސަތޭކަ) ރުފިޔާ ޙަރަދު ވާނެއެވެ. މިއީ ހަމައެކަނި ދޮންކެޔޮ ގަތުމަށް ކުރާ ޙަރަދެވެ.
ދޮންކޭލަކީ އޭގެ ޒާތުގައި އަވަހަށް ހަލާކުވާ އެއްޗެކެވެ. އެހެންކަމުން އަހަރު ދުވަހަށް ބޭނުންވާނެ ތާޒާ ދޮންކޭލެއް ރައްކާކޮށްފައި ނުބެހެއްޓޭނެ އެވެ.
ދޮންކޭލުގެ ފައިދާ ހެޔޮގޮތުގައި ކުރާނީވެސް ތާޒާ ކަމާއި އެކު ކެއުމުންނެވެ. ތާޒާ ދޮންކެޔޮ ދޭން ބޭނުންވާނަމަ ޖެހޭނީ އެދުވަހަކު ބޭނުންވާ ދޮންކެޔޮ އެދުވަހަކު ފޯރުކޮށްދޭށެވެ.
ދިވެހި ރާއްޖޭގައި މީހުން ދިރި އުޅޭ 193 ރަށް އޮވެއެވެ. ދުރަށް ފެތުރިފައިވާ މިރަށްތަކަށް ކޮންމެ ދުވަހަކު ދޮންކެޔޮ ފޯރުކޮށްދިނުމަކީ ހަމަ ގައިމުވެސް ކުރެވޭނެ ކަމެއް ނޫނެވެ.
ދެން ކުރެވޭނެ ކަމަކީ އެރަށަކަށް ބޭނުންވާ ދޮންކެޔޮ އެ ރަށަކުން ހެއްދުމެވެ. މިވަގުތަށް ބަލާއިރު ބާޒަރަށް ނެރެވޭވަރަށް ދޮންކެޔޮ ހައްދަނީ ދިވެހިރާއްޖޭގެ 9 އަތޮޅުންނެވެ.
އެ 9 އަތޮޅުން ހައްދާ ހުރިހާ ކޭލެއްގެ އަގުވެސް 20 މިލިއަން ރުފިޔާއަށްވެސް ނާރައެވެ. އަދި ހަމަ އެހެންމެ އެ އަދަދަށް ބޭނުންވާވަރަށް ދޮންކެޔޮ ހެއްދޭނެ ވަރުގެ ބިމެއްވެސް ގިނަ ރަށްރަށަކު ނެތެވެ. ދޮންކޭލުގެ ވާހަކަ ދެން ބާއްވަމާ ހިނގާށެވެ.
ދޮންކޭލާއި އެކު ކިރު ތައްޓެށް ވެސް ދެވޭނެ ވާހަކަ މި މެނިފެސްޓޯގައި އެބައޮތެވެ. ރާއްޖެއަކީ ކިރުގެ އެއްވެސް ބާވަތެއް އުފައްދާ ޤައުމެއް ނޫނެވެ. އަހަރުމެން ބުއިމަށް ބޭނުން ކުރާހާ ކިރެއް ބޭރުން އެތެރެ ކުރަނީއެވެ. ކޮންމެ ދުވަހަކު ކިރުތަށްޓެއް ދޭނަމަ ދުވާލަކަށް 65000 ކިރުތަށި ބޭނުންވާނެއެވެ.
ކިރުތައްޓެއް ހަދާއިރު އޭގެ އެންމެ ރަނގަޅު ވަރަކީ ތައްޓަކަށް 25 ގުރާމުގެ ހިކިކިރެވެ. އެހެންކަމުން 65،000 ކިރު ތަށި ހަދަން ބޭނުން ނަމަ ދުވާލަކު 162،5000ރ. ( އެއް މިލިއަން ހަލައްކަ ފަންސަވީސް ހާސް) ގުރާމުގެ ކިރު ބޭނުން ވާނެއެވެ. ކިރު ދަޅު ގަންނަ ކަމުގައި ވާނަމަ 2،500 ގުރާމުގެ 650 ދަޅު ދުވާލަކަށް ބޭނުން ވާނެއެވެ.
އެ ސައިޒުގެ ދަޅެއް ހޯލްސޭލްކޮށް ލިބެނީ 313 ރުފިޔާއަށެވެ. އެހެން ކަމުން ދުވާލަކަށް އެކަމަށް 203،450 (ދެލައްކަ ތިންހާސް ހަތަރު ސަތޭކަ ފަންސާސް) ރުފިޔާ ޙަރަދު ވާނެއެވެ. އަދި ދިރާސީ އަހަރަކަށް 41،707،250ރ. (ސާޅީސް އެއް މިލިއަން ހަތްލައްކަ ހަތް ހާސް ދުއިސައްތަ ފަންސާސް) ރުފިޔާ ޙަރަދު ވާނެއެވެ.
ދިވެހިރާއްޖޭގެ ގިނަ ސްކޫލު ތަކުގައި މިވަގުތުން ވަގުތަށް ކިޔެވުމަށް ކޮންމެހެން ބޭނުންވާ ގިނަ ވަސީލަތްތަކެއް ނެތެވެ. ނަމަވެސް ބޮޑު ޙަރަދުތަކެއް ހިނގާ މިކަހަލަ ކަމެއް ކުރާ ވާހަކަ ނަޝީދު ދެއްކުމުން ލަފާކުރެވެނީ ދެކަމެކެވެ. އެއްކަމަކީ ހަމަ ހަޤީގަތުގައި ވެސް ނަޝީދު މޮޔަފުޅު ވުމެވެ.
އަނެއް ގޮތަކީ މި ކަންތައްތަކުގެ ތެރެއިން ޕާރޓީ އެކްޓިވިސްޓުންނަށް ބައި އެޅޭ ގޮތަށް މި ހިދުމަތްތަށް ދިނުމުގެ ނަމުގައި ކުންފުނި ތަކެއް އުފެެއްދުމަށް ނަޝީދު ޕްލޭންކޮށްފައިވާ ކަމެވެ.
މިސާލަކަށް ދޮންކޭލާއި ކިރު އެތެރެކޮށް ވިއްކުމަށް "ދޮންކިރު ކޯޕަރޭޝަން" ގެ ނަމުގައި ކުންފުންޏެއް ހަދައި އެކްޓިވިސްޓުންނާއި ހަވާލު ކުރުމަކީވެސް ވެދާނެ ކަމެކެވެ.
ނުވަތަ އަވައްޓެރި އިންޑިއާގެ ވިޔަފާރިވެރިންނަށްޓަކައި އިންޑިއާއިން ގިނަ އަދަދަކަށް ގެރި އެތެރެކޮށް ކޮންމެ ސްކޫލަކުން ގެރި އައިނެއް ބަލަހައްޓަން ޖެހޭފަދަ ގޮތަކަށްވެސް ނިންމަފާނެއެވެ. އަދި މުޅި މިކަމަކީވެސް އިންޑިއާގެ ދަނޑުވެރީން ހައްދާ ދޮންކޭލައް މާރކެޓު ހޯދައި ދޭން ކުރާކަމަކަށް ވެސް ވެދާނެއެވެ.
މިހާރު ވެސް އެންމެ ގިނަ އަދަދަކަށް ދިވެހިރާއްޖެއަށް ދޮންކެޔޮ އެތެރެ ކުރަނީ އިންޑިއާއިންނެވެ.
ކޮންމެއަކަސް ނަޝީދު ކޮށްފަ ނުކޮށްފާނެ ކަމެއް އަޅުގަނޑުމެން ހިތަށް ވެސް ނުގެނެވޭނެއެވެ. ޔަޤީނުންވެސް އެނގޭ އެއްޗަކީ ޖީޑީޕީގެ ނިސްބަތުން ދުނިޔޭގައިވެސް ދަރަނި އެންމެ ބޮޑު އެއްޤައުމަށް ދިވެހިރާއްޖެ ވެފައިވާއިރު މިއީ ކުރެވޭނެ ކަންތައްތަކެއް ނޫން ކަމެވެ.
ވަޅުޖެހިފައިވާ އިޤްތިސާދު ނަގާ ކޮޅަ ޖެހުމަށް އުފެއްދުންތެރި ކަންކަމަށް ޙަރަދު ކުރަން ޖެހެއެވެ. އަދި ރައްޔިތުން ވެސް މިކަހަލަ ތާކުންތާކު ނުޖެހޭ ވައުދުތައް ޤަބޫލު ކުރުމުގެ ބަދަލުގައި ރަނގަޅަށް ވިސްނާ ފިކުރު ކުރުން މުހިންމެވެ.