ކ. މާފުށީގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.
މާފުށިން ކޮވިޑަށް ޕޮޒިޓިވްވި މީހާއަކީ މާލެއިން އެރަށަށް ކަރަންޓީނަށް ދިޔަ އާއިލާއެއްގެ މީހެކެވެ. ނަމަވެސް އެ އާއިލާގެ އެހެން މީހުން ވަނީ ބައްޔަށް ނެގެޓިވްވެފައެވެ.
ނަމަވެސް އެންމެންގެ ސަލާމަތަށް އަނެއްކާވެސް އެ ހުރިހާ އެންމެން ކަރަންޓީން ކުރުމަށް ވަނީ ނިންމާފައެވެ. އަދި ޕޮޒިޓިވްވި މީހާ ވަކިން ކޮޓަރިއެއްގައި އެހެން މީހުންނާއި ބައްދަލު ނުވާ ގޮތަށް ވަނީ ކަރަންޓީން ކޮށްފައެވެ.
މިއަދު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް އެޑްމިޓު ކުރުމަށް ގެންދިޔަ މާބަނޑު މީހަކުވެސް ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެމީހާ ޕޮޒިޓިވް ވުމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުނަށް ލުއިތަކެއް ދިނުމާއެކު އަނެއްކާވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން އިއްޔެ އެކަނި ވެސް 55 މީހުން ޕޮޒިޓިވް ވިއިރު މީގެތެރެއިން 31 މީހުންނަކީ ދިވެހިންނެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 3175 އަށް އަރާފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 2498 ގައެވެ. އަދި މި ބަލީގައި ރާއްޖެއިން ވަނީ 15 މީހަކު މަރުވެފައެވެ.