Last Updated: November 25, 10:11
Monday, November 25, 2024
ޚަބަރު

ޔުނާން ދަރިފުޅުގެ ބޭސްފަރުވާގެ ކަންކަން ދަނީ ހަމަޖައްސަމުން: އާސަންދަ

ޔުނާން އަދި އޭނާގެ އަންހެނުން: ފޮޓޯ / ވަގުތު

ހިތުގެ ބައްޔަށް ފަރުވާ ހޯދަމުންދާ ކުއްޖެއްގެ ބައްޕައަކު އެހީތެރިކަމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެ ދޮށަށުގައި ހުރެ އާދޭސްކުރި މަންޒަރުތައް ސޯޝަލް މީޑިއާ އާއި ރާއްޖޭގެ ނޫސްތަކުގެ ސުރުހީތަކަށް އެރުމުން އެ މައްސަލާގައި އާސަންދައިން ބަސް ބުނެފިއެވެ.

ރާއްޖޭގެ ފިލްމީތަރިއެއް ކަމަށްވާ މުހައްމަދު ޔުނާންގެ ދަރިފުޅު ޔޫން އަކީ ހިތުގެ ބައްޔަށް ފަރުވާ ހޯދަމުންދާ ކުއްޖަކަށް ވާއިރު އެ ކުއްޖާ އިތުރު ސާޖާރީއެއް ހަދަން މިހާރު ވަނީ ޖެހިފައެވެ. އެ ސާޖަރީ ހަދަން ޖެހެނީ އިންޑިއާގެ ހޮސްޕިޓަލަކުން ކަމަށްވާއިރު އެ ހޮސްޕިޓަލަކީ އާސަންދަ ލިބޭ ހޮސްޕިޓަލެއް ނޫންކަމުން ދީލަތި އެހީއަކަށް އެ އާއިލާ އިން ވަނީ އެދިފައެވެ.

ދަރިފުޅާއި އަނބިމީހާއާއެކު މުލިއާގެ ދޮށުގައި ހުރެ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ޔުނާން ބުނީ ވަރަށް ގިނަ ތަންތަނަށް މިހާރު އާދޭސް ކުރެވިފައިވާ ކަމަށާއި ނަމަވެސް އެއްވެސް ފަރާތަކުން އެހީއެއް ނުލިބުމުން މުލިއާގެ ދޮށަށް އަންނަން ޖެހުނީ ކަމަށެވެ.

އެކަމާއި ގުޅިގެން ބައެއް އާސަންދަ އާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ ޔުނާންގެ ދަރިފުޅަކީ މީގެކުރިންވެސް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން އޮޕަރޭޝަނެއް ކޮށްފައިވާ ކުއްޖެއް ކަމަށެވެ. އަދި މިހާރު ދިމާވެގެން އުޅެނީ ދެވަނަ އޮޕަރޭޝަން ކުރުމުގެ ދަތިތައް ކަމަށް އާސަންދައިން ބުނެއެވެ.

މިހާރުވެސް އާސަންދައިގެ ދަށުން 77 ބަލި މީހަކު އަމްރިތާ ހޮސްޕިޓަލަށް ގޮސްފައިވާއިރު އެތަނަށް ގޮސް ހުރުމުގެ އިންތިޒާމުތައް ހަމަޖައްސައި ދިނުމުގައި ދަތިތަކެއް އުޅޭކަން އާސަންދައިން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ހޮސްޕިޓަލަށް ދިޔަ ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ އައިސޮލޭޓު ކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށްވެސް އާސަންދައިން ވަނީ ބުނެފައެވެ.

އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ޔުނާންގެ ދަރިފުޅުގެ ބޭސްފަރުވާ އަށް ފޮނުވާލެވޭތޯ ވެސް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެ އޮޕަރޭޝަން ކިމްސް ހޮސްޕިޓަލުން ނުހެދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވާ ކަމަށް އާސަންދައިން ބުނެއެވެ.

މިހާރު ޗާޓަރު ކުރާ ފްލައިޓުވެސް ދަނީ ޓްރިވެންޑްރަމް އަށްކަން ފާހަގަކޮށް އާސަންދައިން ބުނީ ޔުނާންގެ ދަރިފުޅުގެ ބޭސްފަރުވާ އަށް އެ ފްލައިޓުން ވެސް ގެންދެވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށެވެ.

މުލިއާގެ ދޮށަށުގައި ހުރެ އާދޭސްކުރި މަންޒަރުތައް ސޯޝަލް މީޑީއާގައި ދައުރުވެފައިވާއިރު ސަރުކާރަށް މިކަމުގައި ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.