ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިއެއްގެ ގައިން ކޮވިޑް19 ފެނިފައިވާއިރު އެ ފަތުރުވެރިޔަކީ އެމެރިކާއަށް ނިސްބަތްވާ ފަތުރުވެރިއެއް ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާން ނަޒްލާ ރަފީގު ވިދާޅުވީ އެ ފަތުރުވެރިޔާ ޕޮޒިޓިވްވިކަން އެނގުނީ ފަތުރުވެރިން ރާއްޖެ އައިސް އަމަލުކުރާ އުސޫލުން ކަން ކުރަމުން ދަނިކޮށް ކަމަށެވެ. އަދި އެ ފަތުރުވެރިޔާ ބައްޔަށް ޕޮޒިޓިވްވި ނަމަވެސް އޭނާގެ ގައިން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރިޔަށްދާ ކަމަށް ނަޒްލާ ވިދާޅުވެފައިވެއެވެ.
މިއީ މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން، ރާއްޖެ އައި ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމާއި ގުޅޭ ގައިޑްލައިނުގައިވާ ގޮތުން އެއާޕޯޓުން ފަތުރުވެރިންގެ ހުން ބެލުން ފަދަ ކަންކަން ކުރާނެ ކަމަށާއި އަދި އެގޮތަށް ސްކްރީން ކުރާއިރު، ކެއްސުމާއި ރޯގާ ޖެހިފައިވުމާއި ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް ފެންނަ ނަމަ އެ ޓޫރިސްޓަކު ކޮވިޑް-19 އަށް ޓެސްޓު ކުރާނެ ކަމަށެވެ. ޓެސްޓު ހަދާނީ އެ ފަތުރުވެރިއެއްގެ ޙަރަދުގައި ކަމަށްވެސް ގައިޑްލައިންގައިވެއެވެ.
އަދި ގްރޫޕަކާ އެކު އަންނަ ޓޫރިސްޓެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިއްޖެ ނަމަ މުޅި ގްރޫޕު ޓެސްޓު ކުރާނެ ކަމަށާއި މީގެއިތުރުން ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ރެންޑަމްކޮށް ވެސް ސާމްޕަލްތައް ނަގާނެ ކަމަށް ބުނެފައިވެއެވެ. މި ޓެސްޓުތަކަށް ހަރަދުކުރާނީ ސަރުކާރުންނެވެ.
އެއާޕޯޓުން ޓެސްޓުކުރާ ޓޫރިސްޓުންގެ ނަތީޖާ ލިބެންދެން ތިބެންޖެހޭނީ ޓްރާންސިޓް ފެސިލިޓީއެއްގައި އައިސޮލޭޓްވެގެން ކަމަށްވެސް ބުނެފައިވެއެވެ. މީގެއިތުރުން ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުން ތިބެންޖެހޭނީ މާސްކު އަޅައިގެން ކަމަށްވެސް ގައިޑްލައިނުގައި ބުނެފައިވެއެވެ.