އަންހެނުންގެ ހައްގުތައް ދިފާއުކޮށް "އުތެމަ" ޖަމިއްޔާ އިން ނެރުނު ރިޕޯޓަކާ ގުޅިގެން އެ ޖަމިއްޔާ ވެސް އުވާލުމަށާއި އެ ޖަމިއްޔާގެ މުވައްސިސުންނަށް ފިޔަވަޅު އެޅުމަށް އެތައް ބަޔަކު ގޮވަމުން ދަނިކޮށް އެންމެ ފަހުން އެ ޖަމިއްޔާއަށް ނަސޭހަތް ދިނުމަށްފަހު ފުއްދާލައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ދީނީ ގޮތުން ފުށު އަރާ ކަންކަމުގައި އިސްލާމިކް މިނިސްޓްރީން އެންމެ ފުރަތަމަ ވެސް އަމަލުކުރާ އުސޫލަކީ އެބަޔަކަށް ނަސޭހަތްތެރިވުން ކަމަށެވެ. އިސްލާމިކް މިނިސްޓްރީން އެންމެ ފުރަތަމަ އަމަލުކުރާނީ އެފަދަ ކަމެއް ކޮށްފައިވާ ބަޔަކާއި ވާހަކަ ދައްކައިގެން އެ ބަޔަކަށް ނަސޭހަތްދީ ކިޔައިދީ އެ ހުރި ކަންތައް އިސްލާހު ކޮށް ދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އިސްލާމް ދީނަށް ފުށުއަރާ އެއްވެސް ކަމެއް ފެނިއްޖެނަމަ އަޅުގަނޑުމެން ހަމަ އެ މޭރުމުން ކަންތައް ކުރާނީ." މިނިސްޓަރު ވިދާޅުވިއެވެ.
އުތެމަ ޖަމިއްޔާގެ މައްސަލާގައި ވެސް އެ ޖަމިއްޔާގެ ބޭފުޅުންނާއި އިސްލާމިކް މިނިސްޓްރީން ބައްދަލުކޮށްފައިވާއިރު އެ ރިޕޯޓާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ކަންބޮޑުވުންތައް ވަނީ އެޖަމިއްޔާއާ ހިއްސާކޮށްފައެވެ. އަދި އެ ޖަމިއްޔާއިން ރަނގަޅު ކުރަންޖެހޭ ކަންކަން މިހާރު ރަނގަޅުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.
މިރިޕޯޓު ތައްޔާރުކުރުމަށް ވެސް ފަނޑުކޮށްފައިވަނީ އެމްޑީއެންގެ ރިޕޯޓަށް ފަންޑުކުރި 'ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވް' އެވެ. މި ރިޕޯޓުގައި، އެމްޑީއެންގެ ރިޕޯޓު ވަރަށް ގިނަ ބަޔަކު ކުށްވެރިކުރި ކަން ފާހަގަކޮށް، އެއީ ރާއްޖޭގައި ހައްދުފަހަނަޅާފައިވާ ފިކުރު ފެތުރިފައި އޮތް މިންވަރު އަންގައިދޭ ކަމެއް ކަމަށް ދޭހަވާ ގޮތަށް ލިޔެފައިވެއެވެ.
އަދި ރާއްޖޭގައި އަންހެނުންނާއި، ކުޑަކުދިންނަށް ގިނަ ގުނަ ހުރަސްތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި އެގޮތުން ޅަ އަންހެން ކުދިން އުމުރު ނުފުރެނީސް ކައިވެނި ކުރުވާ ކަން ފަދަ މައްސަލަތައް ފާހަަގަކޮށްފައިވެއެވެ.