ކުރީގެ ރައީސް، އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލު ކުރެއްވުމަށް ހުރަސް އަޅާފައި ނުވާނެ ކަމަށް ބުނެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނެރުނު ނޫސްބަޔާނުގައި ހުރި ވާހަކަތައް ރައީސް ޔާމީންގެ ވަކީލުން ދޮގު ކުރައްވައިފިއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ރައީސް ޔާމީނާ ބައްދަލު ކުރުމަށް ފޯމު ހުށަހެޅުމަށް އެއް ފަހަރަށްވުރެ ގިނަ ފަހަރަށް ދިއުމުން ވެސް މާލޭ ޖަލުން މައުލޫމާތު ދީފައިވަނީ ރައީސް ޔާމީނާ ބައްދަލު ކުރެވޭނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށެވެ.
ކޮވިޑު-19 އާ ގުޅިގެން ސީދާކޮށް ގާތުން ބައްދަލުކުރުމުގެ އެއްވެސް އުސޫލެއް އަދި އިންތިޒާމެއް ހަމަޖެހިފައި ނުވާ ކަމަށްވެސް ބުނެފައިވާ ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބުނެއެވެ. އަދި، އެއްވެސް ހާލެއްގައި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅައިފިނަމަ ސީދާކޮށް ގާތުން ބައްދަލު ކުރެވޭނޭ އިންތިޒާމު ހަމަޖެހޭނެ ކަމަކަށް ބަޔާންކޮށް އެއްވެސް އިރުޝާދެއް ދީފައި ނުވާ ކަމަށް ރައީސް ޔާމީންގެ ވަކީލުން ނެރެފައިވާ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނަށް ރައްދު ދިނުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބަޔާން ނެރެ ކަރެކްޝަނަލް ސަރވިސްގެ ރަސްމީ ޓްވިޓަރ ހެލްޑްލް އިން ޓްވީޓް ކޮށްފައި ވަނީ މިއަދުގެ ރަސްމީ ގަޑި ނިމުމަށް ކުޑަތަން ވެފައި ވަނިކޮށް ކަމަށެވެ. އަދި ކުރިއަށް އޮތީ ބަރަކާތްތެރި ހައްޖު ދުވަހާއި އަޟްހާ އީދު ދުވަހާގުޅޭ ދިގު ބަންދެއް ކަމަށްވާއިރު ރަސްމީ ގަޑި ނިމުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ނޫސް ބަޔާން ނެރުއްވުމުން ވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ނުރަގަނޅު ނިޔަތް އޮތް މިންވަރު ހާމަވެގެންދާ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ނެރެފައިވާ ނޫސްބަޔާނުގައި ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާލޭ ޖަލުން ވަކި ޖަވާބެއް ދޭއިރު ހަމަ އެ ޖަވާބާ ކަނޑައެޅިގެން ފުށޫއަރާ ގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މުޅިން އެހެން ވާހަކަތަކެއް ދައްކާތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތައް ހިންގައި ކޮންޓްރޯލް ކުރަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިންތޯ ނުވަތަ އެހެން ފަރާތަކުންތޯ ސުވާލު އުފެދޭ ކަމަށެވެ.