ފުވައްމުލަކު ހޮސްޕިޓަލުން ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ ކެންސަރަށް ފަރުވާދޭ ޑިޕާޓްމަންޓްގެ ޚާއްޞަ ޑޮކްޓަރަކާ ކޮންސަލްޓޭޝަން ހެދުމުގެ ފުރުސަތު ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ހޯދައި ދީފިއެވެ.
މިއީ ފުވައްމުލަކު ހޮސްޕިޓަލުގެ ތާރީޚުގައި އެހެން ހޮސްޕިޓަލެއްގެ ޚާއްޞަ ޑޮކްޓަރަކާ އޮންލައިން ކޮންސަލްޓޭޝަން ހެދި ފުރަތަމަ ފަހަރެވެ. ފުވައްމުލަކު ހޮސްޕިޓަލުން މި ޚިދުމަތް ފެށުމުގައި އިންޑިއާގެ ބޮޑު ހޮސްޕިޓަލަކާއެކު ފެށުން އެއީ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ލިބުނު ޚާއްޞަ ފަޚުރެއް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
މި ޚިދުމަތުގެ ސަބަބުން ބޮޑެތި ބަލިތަކުގައި ފަރުވާ ހޯދާ މީހުންނަށް ދޭތެރެ ދޭތެރެއިން ދަތުރު ކުރުމުގެ ބަދަލުގައި ފަރުވާ ހޯދާ ޑޮކްޓަރާ ފުވައްމުލަކުގައި ތިބެގެން ބައްދަލުވެވޭނެ ގޮތްވުމާއި އެ ފަރާތުން ކުރަންޖެހޭ ޚަރަދު ކުޑަވެ އެތައްގޮތަކުން ލުއިފަސޭކަން ލިބޭނެ ކަމަށް ހޮސްޕިޓަލުން އުއްމީދުކުރެއެވެ.
މި ޚިދުމަތް ދިނުމުގައި ހުޅުމާލޭ ހޮސްޕިޓަލުން ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކުރިމަގުގައި ރާއްޖެއާއި ބޭރުގެ ބޮޑެތި އެހެން ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއެކު ކޮންސަލްޓޭޝަން ހެދުމުގެ ފުރުސަތު ހޯދައި ދިނުމަށް ހޮސްޕިޓަލުން މަސައްކަތް ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.