އާއްމު ތަންތަނުގައި މާސްކު އެޅުން ރާއްޖޭގައި މަޖުބޫރުކޮށްފިއެވެ.
މިގޮތަށް ނިންމީ ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ނެޝަނަލް ޓާސްކްފޯހުގެ މިއަދުގެ ބައްދަލުވުމުގައެވެ. ރައީސް އޮފީހުން ކުރި ޓުވީޓެއްގައި ބުނީ، ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އާދަޔާ ހިލާފަށް މާލެ ސަރަހައްދުގައި މިބަލި ފެތުރިފައިވާ ކަމަށެވެ.
ދެވަނަ ލޮކްޑައުންއަކަށް ނުގޮސް ވާނެ ގޮތަކަށް ކަންކަން ކުރުމަކީ އެންމެންނާ ގުޅިފައިވާ ކަމެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރޭ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މާސްކު އެޅުން މިވަގުތު މަޖުބޫރު ނުކުރަންވީ ސަބަބެއް އޮތް ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށާއި މާސްކު އެޅުން މަޖުބޫރު ކުރުމާމެދު ވިސްނަވާނެ ކަމަށެވެ.
"މާސްކު އެޅުން މަޖުބޫރު ކުރަން ނުޖެހޭ ހާލަތެއް އޮތް ކަމަކަށް ނުދެކެން މިހާރު. އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކޮށްފައި އެކަމަށް ގޮތެއް ނިންމާނަން" މިނިސްޓަރު ވިދާޅުވިއެވެ.
މާސްކު އެޅުން މަޖުބޫރު ކުރުމުގެ އިތުރުން މިހާރު ނެރެފައިވާ ގައިޑްލައިންތަކަށް ވެސް އެންމެން ތަބާވާންޖެހޭ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
މީގެއިތުރުން އަމީން ވަނީ މި ބަލިން ރައްކާތެރިވުމަށް އެންމެ ފުރަތަމަ ބަލާފައިވަނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި މީހުންނަށް މައުލޫމާތު ދީގެން ހޭލުންތެރިކުރުވައިގެން މަސައްކަތް ކުރަން ކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް އެ ކަންކަމަށް ތަބާނުވާނަމަ ފިޔަވަޅު އަޅަން މަޖުބޫރުވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.