އުއްމަތުގެ މަސްލަހަތުތައް ހާސިލް ކުރުމަށްޓަކައި އެންމެ އެކުވެރިވެ އެއްގަލަކަށް އަރަންޖެހޭ ކަމަށް އަޟްހާ އީދު ދުވަހު ރާއްޖޭގައި ކުރި އީދު ނަމާދަށްފަހު އިއްވި ހުތުބާގައި ބުނެފިއެވެ.
އީދު ހުތުބާގައި ބުނެފައި ވަނީ މުސްލިމުންނަށް ލިބިފައިވާ ކާމިޔާބުތަކުގެ ސަބަބަކަށް ވެފައިވަނީ އެމީހުންގެ އެއްބައިވަންތަކަން ކަމަށާއި އަދި އެމީހުންނަށް ލިބިފައިވާ ނާކާމިޔާބީތަކުގެ ސަބަބަކަށް ވެފައިވަނީ އެމީހުންގެ ބައިބައިވުން ކަމަށެވެ. އެހެންކަމުން އުއްމަތުގެ މަސްލަހަތުތައް ހާސިލް ކުރުމަށް ބައިބައި ނުވެ އެކުވެރިވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
މީގެއިތުރުން އީދު ދުވަހު އަގީދާ ހަރުދަނާކޮށް ވަކިވަކިވެފައިވާ ހިތްތައް އަލުން ގުޅުންވަންޖެހޭ ކަމަށްވެސް ބުނެފައިވެއެވެ. އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ކުރުމާއި މަލާމާތް ކުރުން ފަދަ ވިޔާނުދާ އަމަލުތަކުން ދުރުހެލިވެ އަހުވަންތަ ބަޔަކަށް ވާންޖެހޭ ކަމަށްވެސް އީދު ހުތުބާގައި ބުނެފައިވެއެވެ.
އަދި ގައުމުގެ މިނިވަންކަމުގެ ރަމްޒު ކަމުގައިވާ އިސްލާމްދީން ހިމާޔަތްކޮށް ދެމެހެއްޓުމަށް ދިވެހި ދައުލަތުގެ ވެރިންނާއި އެންމެހާ ރައްޔިތުންގެ އަޒުމް އާ ކުރުމަށް ވެސް އީދު ހުތުބާގައި ވަނީ ގޮވާލާފައެވެ.
ކިލަނބުވެފައިވާ އިޖުތިމާއީ ހާލަތު ބަދަލުކޮށް އުފާވެރި ތާހިރު ހަޔާތެއް ބިނާ ކުރުމަށްޓަކައި ހަޔާތުގެ އާ ސޮފްހާއެއް އީދު ދުވަހު ހުޅުވާލުމަށްވެސް އީދު ހުތުބާގައި ވަނީ ގޮވާލާފައެވެ.
އިސްލާމީ އީދުތަކުގައި އޮތީ އިސްލާމީ މިންގަނޑުތަކުގެ ތެރޭގައި އުފާފާޅު ކުރުމާއި މުނިފޫހިފިލުވުން ކަމަށާއި އެއީ ހިތްތަކުގެ ސާފުކަމުންނާއި މޫނުތަކުގެ އުފާވެރިކަމުން ކަމަށްވެސް އީދު ހުތުބާގައި ބަޔާންކޮށްފައިވެއެވެ.