ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާ ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލެއްވި ނަމަވެސް އެމަނިކުފާނު އެކަމާ ނޫޅުއްވާ ކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު އެއްވެސް ބަޔަކާ ބައްދަލު ކުރައްވާތަން ނުފެންނަ ކަމަށެވެ. މިދިޔަ މަހުގެ 28ވަނަ ދުވަހު ރައީސްއާ ބައްދަލުކުރައްވަން ވަޑައިގެންނެވި އެމްޑީޕީގެ ތިން މަޖިލިސް މެންބަރަކާއި ބައްދަލުކުރެއްވީ ތިން މިނިސްޓަރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ބަލިމަޑުކަމާއި ތަދުމަޑުކަން ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުން ކަމަށެވެ.
RIMS mashvaraa ah govaalevviyas ekamakaa noolhuvvaa! Evves bayakaa meet kuravvaathaneh nufeney. July 28 ge 10.30 ah RIMS aa meet kuravvan vadaiagennevi MDP ge MPs aa meet kurevvee 3 ministers! Balimadukamaai thadhumadukan midhanee eh dhuvahun aneh dhuvahah goasvamun!
— Adam Shareef Umar (@Adamshareefz) August 2, 2020
ރާއްޖޭގެ 55ވަނަ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ރައީސް ސޯލިހު ދެއްވި ހިތާބުގައި ވިދާޅުވީ ސިޔާސީ ކަންކަމުގައި ޚިޔާލު ތަފާތުވިޔަސް، ޤައުމުގެ އެންމެ މަތީ މަޞްލަޙަތާ ގުޅޭގޮތުން، އެންމެން އެއްބަސްވާންޖެހޭ ކަންކަން ހުންނާނެ ކަމަށާއި ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުޞަތު ދެވޭ ކަމަކަށް ހެދުމަކީ، ރަނގަޅު ކަމެއް ނޫން ކަމަށެވެ.
އަދި އެފަދަ ކަންކަމުގެ ސަބަބުން ގެއްލުން ލިބެމުންދަނީ، ހުރިހާ ރައްޔިތުންނަށް، އަދި މުޅި ޤައުމަށް ކަމަށާއި ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެށްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް ވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.
"ތިޔަބޭފުޅުންގެ ޚިޔާލާއި މަޝްވަރާއަށް އަޅުގަނޑު އަބަދުވެސް މަރުޙަބާ ކިޔާނަން" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން މަލްޓި ޕާޓީ ޑިމޮކްރެސީއެއްގެ ތެރެއިން، ޤައުމު އާރާސްތުކުރަމުން ދާނީ، ސިޔާސީ ވާދަވެރިންގެ އަޑުވެސް އަހައިގެން ކަމަށާއި ޤާނޫނުއަސާސީވެސް ބިނާވެފައި އޮތީ، ތަފާތު ޚިޔާލުތަކާ އެކުގައި އެންމެންގެ ބައިވެރިވުން ޝާމިލުވާގޮތަށް، ޤައުމުގެ ކަންކަން ހިންގުމުގެ މައްޗަށްކަން ރައީސް ފާހަގަކުރެއްވިއެވެ.