ޗައިނާގެ ވޫހާން ސިޓީން ފުރަތަމަ ފެނުނު ކޮވިޑް-19ގެ ބަލިމަޑުކަން ރާއްޖެ އައިސް މިއަދު މިވަނީ މި ބަލީގެ ބިރުވެރިކަން ދިވެހިން ވަށާލާފައެވެ.
މާޗު 27 ވަނަ ދުވަހު މާލެއިން ބަލި ޖެހިފައިވާ މީހަކު ފެނުމާއި އެކު މާލެ ސަރަހައްދު ލޮކްޑައުންކޮށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ފެށިއެވެ. ފުރަތަމަ މީހާ އާއި ކޮންޓެކްޓުވީ މީހުން ހޯދައި، އެކަހެރިކޮށް ބަލި ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ފެށިއެވެ. ބަލީގެ މައުލޫމާތު ދުވާލަކު ދެއިރަށް ރައްޔިތުންނަށް ފޯރުކޮށްދޯ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ.
ތޮއްޖެހިފައިވާ މާލޭގައި ބަލި ކޮންޓްރޯލް ކުރުމަށް ގިނަ ގޮންޖެހުންތަކެއް ދިޔައީ ކުރިމަތިވަމުންނެވެ. އެގޮތުން މާލޭގައި ދިރިއުޅެމުން ދިޔަ ބިދޭސީންގެ ތެރޭގައި ބަލި ފެތުރު ބައެއް މީހުން ފިލައިގެން ގޮސް އެމީހުން ހޯދުމަށް އޮޕަރޭޝަން ތައް ފެށިއެވެ.
ބަލި ޖެހޭ މީހުންނާއި ބައްދަލުވާ މީހުން އެކަހެރި ކުރުމަށް އައިސޮލޭޝަން ފެސިލިޓީ ހަދައި، ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ މެޑިކަލް ފެސިލިޓީއެއް ގާއިމްކުރިއެވެ. އަދި ބަލި ޖެހި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގެނެސް ސިއްހީ ނިޒާމު ހަރުދަނާ ކުރިއެވެ.
މިފަދަ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރި އިރު ދައުލަތުގެ ބަޖެޓުން ބިލިއަނަކަށް ވުރެ ގިނަ ފައިސާ ވަނީ ހަރަދުކޮށްފައެެވެ.
ރާއްޖޭގެ ބޯޑަރު ބަންދުކޮށް ރާއްޖޭގެ އެއް ރަށުން އަނެއް ރަށައް ހާއްސަކޮށް، މާލެއިން އަތޮޅުތަކަށް ދަތުރު ކުރުން ދެ މަނާކުރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސަާދު މަޑު ޖެހުނެވެ. އެތައް ބަޔަކު ވަޒީފާ ގެއްލި ގިނަ ބަޔަކު މާލީ ގޮތުން ބިކަވަމުން ދިޔައެވެ. އާމްދަނީ ނުލިބި ކުލި ނުދެއްކިގެން މާލޭގެ ބައެއް ގެތަކުން އެތައް ބަޔަކު ނެރެ މަގުމަތި ކުރިއެވެ.
ކޮވިޑް-19 ބަލިމަޑު ކަމާއި އެކު ރާއްޖޭގެ ނާޒުކު އިގްތިސާދު ހުއްޓި ދައުލަތަށް ބާރުބޮޑުވެ އެންމެ ފަހުން ގައުމު ހުޅުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސައްކަތް ފައްޓަވައި، މަޖްލިސް ކުރާގެ ހުޅުވައި، މަޖްލިސްގެ ޖަލްސާތައް ބާއްވަން ފެށިއެވެ. މިއާއި އެކު ސަަރުކާރުން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް "ނިއު ނޯމަލް" ހާލަތުގައި މާލެ ސަރަހައްދު ހުޅުވާލިއެވެ.
"ނިއު ނޯމަލް"ގައި މާލެ ސަރަހައްދު ހުޅުވާލިއިރުވެސް މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވަމުން އައި ނިސްބަތް މަދެއް ނުވެއެވެ. ނަމަވެސް އެކި ސަބަބު ތަކާއި އެކު މާލެ ސަރަހައްދު ހުޅުވާލުމާއި އެކު ކޮވިޑް-19 ފެތުރޭ ސްޕީޑު މިވަނީ އިންތިހާއަށް މަތިވެފައެވެ. ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު 100 އިން ގޮސް މިހާރު މިވަނީ 200 އަށް އަރާފައެވެ.
އާބާދީގައި 400،000 މީހުން ހަމަވާ މި ރާއްޖޭގައި މިހާތަނަށް 4200 އަށް ވުރެ ގިނަ މީހުންނަށް ވަނީ ބަލި ޖެހިފައެވެ. އޭގެ ތެރެއިން 19 މީހަކު މަރުވެފައިވާ އިރު މިހާރުވެސް 92 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓު ކުރެވި ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 6 މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ. 2 މީހަކު ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް-19ގެ ބިރުވެރިކަން މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. މާލޭގެ އިތުރުން ބައެއް ރަށްތަކުގައިވެސް ބަލި މިހާރު އަންނަނީ ހަލުވި ކަމާއި އެކު ފެތުރެމުންނެވެ. ކުރިން އަޅާފައިވާ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅު މިހާރު ވަނީ ދޫކޮށްލާފައެެވެ. ކަރަންޓީނު ކުރުން މިއޮޮންނަނީ އެމީހަކާއި އެމީހަކަށް ދޫކޮށްލާފައެެވެ. މާލެއިން ރަށްތަކަށް އަންނަ މީހުން ރަނގަޅަށް މޮނިޓަރ ނުކުރެވެއެވެ.
ބަލި ޖެހޭ މީހުންނާއި ކޮންޓެކްޓުވާ މީހުންގެ ކޮންޓެކްޓު ޓްރޭސިން މިހާރު ވަނީ އިހްތިޔާރީ ވެފައެވެ. ބަލި ޖެހިފައިވާ އެތައް ބަޔަކު ގޭގޭގައި އެބަތިއްބެވެ. ބައެއް މީހުންނަށް ފަރުވާ ލިބެން ދެތިން ދުވަސް އެބަވެއެވެ. ސާމްޕަލް ނަގަން ނާދެވި ދުވަސް އެބަވެއެވެ. މިއީ ހައްތަހާވެސް ބަލި ފެތުރުން އިތުރުވުމުން ދިމާވެފައިވާ މައްްސަލަތަކެވެ. އަދި މި ހާލަތަކީ ރާއްޖޭގެ ސިއްހީ މާހިރުން މާކުރިން ކިޔާދީފައިވާ ހާލަތެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން މިއަދު މި ފެންނަ މަންޒަރަކީ ބަލީގެ އެންމެ ބޮޑު ގެއްލުންވި އިޓަލީ އާއި ސްޕެއިން ފަދަ ގައުމުތަކުން ފެނުނު މަންޒަރެވެ. ގިނަ މީހުންނަށް ބަލކި ޖެހި ފަރުވާ ނުދެވި މަރުވަމުންދާ ބިރުވެރި މަންޒަރެވެ.
މިއަދު ރާއްޖޭގެ ހާލަތަކީ ހަމައެކަނި ސަރުކާރާއި ސިއްހީ މާހިރުންގެ ބޮލަށް ކަނޑާލައިގެން ތިބެވޭނެ ހާލަތެއް ނޫނެވެ. މިއީ ހުރިހާ ރައްްޔިތުން ފަރުދީ ޒިއްމާ އަދާކޮށް، ބަލި ކޮންޓްރޯލް ކުރަންވީ ވަގުތެވެ. ރާއްޖޭގެ މިސްރާބު މިހާރު މިހުރީ ބިރުވެރިކަމާއި ނާމާން ކަމުގެ މަންޒިލަކަށެވެ.