މ. އަތޮޅު މެދުފުށި ރިސޯޓާއި ފ. އަތޮޅު ފިލިތެޔޮ ރިސޯޓް ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރުމަށް ނަގައިފިއެވެ.
މިހާރުވެސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ހަތަރު ރިސޯޓެއް އަންނަނީ ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރަމުންނެވެ. އެއީ ބަނޑޮހާއި އެރިޔަދޫ އާއި ފަން އައިލެންޑް ރިސޯޓާއި ރޯޔަލް އައިލެންޑް ރިސޯޓް ރިސޯޓެވެ.
އިތުރު ދެ ރިސޯޓެއް ކަރަންޓީން ފެސިލީޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް ނިންމާ އެތަންތަން ސަރުކާރުން ނަގާފައި މިވަނީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ދުވަސްވަރެއްގައެވެ. ނަމަވެސް މިކަމާއި ގުޅިގެން ސަރުކާރުގެ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އެކަމުގެ މައުލޫމާތު މިއަދު ހަވީރު 16:00ގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ދޭނެއެވެ.
އިއްޔެ މި ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4،000 އަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ބައްޔަށް ފަރުވާދޭން ޖެހިފައިވާ މީހުންގެ އަދަދު މިހާރު 1400 އަށް ވުރެ މައްޗަށް އަރާފައިވާއިރު މީގެތެރެއިން 92 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު އެޗްޕީއޭ އިން ވަނީ 30 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅޭ ހަރަކާތްތައް ބޭއްވުން މަނާކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު ގައިދުރު ކަމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.
މާލެ ސަރަހައްދުގައި މި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުގެ އޮފީސްތައް ކުރިއަށް އޮތް ތިން ދުވަހު ބަންދުކުރުމަށް ނިންމާފައިވާއިރު މާލެ ސަރަހައްދުގެ ސްކޫލްތައް ދެ ހަފްތާ އަށް ބަންދުކުރުމަށް މިހާރު ވަނީ ނިންމާފައެވެ.