ގާނޫނީ ވަކީލުކަން ކިޔަވާފައިވާ ދަރިވަރުންނަށް އެއް މަސް ދުވަހުގެ ތަމްރީނެއް ފުރިހަމަ ކުރުމަށް ފަހު ވަކީލުކަމުގެ ހުއްދަ ދޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްއެވެ. އޭނާގެ އެ ބިލު ފާސްކުރީ މިދިޔަ މަހުގެ 22ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ނަމަވެސް އެ ބިލު ދިރާސާކުރިއިރު ޖުޑީޝަރީ ކޮމެޓީ އިން ވަނީ ބިލަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިހާރު ހުއްދަ ނުލިބި ތިބި ވަކީލުންނަށް ހާއްސަކޮށްގެން ބާ ކައުންސިލުން ހިންގާ އެއްމަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލު ކަމުގެ ހުއްދަ ދޭން ޖެހޭނެ ކަމަށް ބުނެ ބިލަށް ބަދަލެއް ގެނެއެވެ.
އިސްލާހުގައި ބުނެފައިވަނީ އެ އިސްލާހު މަޖިލީހުން ފާސްކޮށް ގެޒެޓުގައި ޝާއިރު ކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންގެ ފެންވަރު ވަޒަންކުރާނެ ގޮތް ބަޔާންކުރާ އުސޫލެއް ބާ ކައުންސިލުން އެކުލަވާލައި، ގެޒެޓް ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ އުސޫލު ގެޒެޓް ކުރާތާ ހަތް ދުވަހުގެ ތެރޭގައި ތަމްރީނު ޕްރޮގްރާމް ބާއްވަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފަ އެވެ.