ކުރި ދައުވާއެއް ނުވަތަ ހުކުމެއް ނެތި އިންސާނަކު ޖަލެއްގައި ބަންދު ކުރުމަކީ އެމީހަކަށް ދެވޭ ލާއިންސާނީ ބޮޑު އަނިޔާއެއް ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިފަދައިން ވިދާޅުވެފައި މިވަނީ ދިވެއްސަކާއި ކައިވެނި ކޮށްގެން އުޅުނު ޔަމަނުގެ ޔާސިރު ޔަހްޔާ ބަންދުކޮށްގެން ގެންގުޅުނުތާ އެތައް ދުވަހެއްވީ ފަހުން އޭނާގެ ހާލަތު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވުމާއި ގުޅިގެންނެވެ.
އަލީ ހުސައިން ކުރި ޓްވީޓެއްގައި ވިދާޅުވީ ކުރި ދައުވާއެއް ނުވަތަ ހުކުމެއްނެތި އިންސާނަކު ޖަލެއްގައި ބަންދުކޮށްގެން ގެންގުޅުމަކީ ލާއިންސާނީ ބޮޑު އަނިޔާއެއް ކަމަށެވެ. އެފަދަ އަނިޔާއަށް ކެތް ނުކުރެވިގެން އުޅެނިކޮށް އޭނާގެ ފުރާނަ ދިއުމުން އެކަމުގެ ޒިންމާ އެ ޖަލު ހިންގާ ދައުލަތަކުން ނަގަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބަނޑުހައިހޫނުކަމުގެ ހަޅުތާލުކޮށް، ހާލު ދެރަވެގެން އައިޖީއެމްއެޗުގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު އެޑްމިޓްކުރި ޔާސިރު މަރުވެފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.
ޔާސިރު ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރު ކަމަށްވާއިރު، އޭނާ ބަންދުކޮށްފައި ހުރީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައެވެ. އޭނާ މައްޗަށް ތުހުމަތު ކޮށްފައިވަނީ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ހަނގުރާމަތަކަށް ރާއްޖެއިން މީހުން ފޮނުވާކަމުގެ ތުހުމަތެވެ.
އެގޮތުން ޔާސިރަކީ ނުރައްކާތެރި ޓެރަރިސްޓު ޖަމާއަތް ކަމަށްވާ، އަލްގައިދާ ޖަމާއަތުގެ އިސް ދައުރެއް އަދާކުރަމުން އަންނަ އެ ޖަމާއަތުން ހިންގާ މަތީ ފެންވަރުގެ ޓެރަރިސްޓް ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.
ކުރި ދަޢުވާއެއް ނުވަތަ ޙުކުމެއްނެތި އިންސާނަކު ޖަލެއްގައި ބަންދުކޮށްގެން ގެންގުޅުމަކީ ލާއިންސާނީ ބޮޑުއަނިޔާއެއް. އެފަދަ އަނިޔާއަށް ކެތްނުކުރެވިގެން އުޅެނިކޮށް އޭނާގެ ފުރާނަ ދިއުމުން އެކަމުގެ ޒިންމާ އެ ޖަލު ހިންގާ ދައުލަތަކުން ނަގަންޖެހޭނެ.
— Ali Hussain (@AleeVoice) August 5, 2020
އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެޖަމާއަތުން ހިންގާ ހަރަކާތްތައް ރާވައި ވިލަރެސް ކުރުމުގެ އިތުރުން ޓެރަރިޒަމާ ގުޅުންހުރި މައްސަލަތަކުގައި ފުލުހުން ތަހުގީގު ކޮށްފއިވާ ދިވެހިންނާ އޭނާ ގުޅުން ބަދަހިކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. ނަމަވެސް ދިވެހި ސަރުކާރުން ކުރަމުންދާ މި ތުހުމަތުތައް ޔާސިރުގެ އާއިލާ އިން ރޭ ވަނީ ދޮގުކޮށްފައެވެ.
ގިނަ ތުހުމަތުތަކެއް ޔާސިރުގެ މައްޗަށް ކުރި ނަމަވެސް، ތުހުމަތުކުރާ އެއްވެސް މައްސަލައެއްގައި ދައުލަތުން ޔާސިރުގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ.
ޔާސިރު ވަނީ އޭނާގެ ކަންބޮޑުވުންތައް ހިއްސާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ސިޓީއެއްވެސް މީގެ ކުރިން ލިޔެފައެވެ. އަދި އޭނާގެ އަންހެނުން ވަނީ ޔާސިރުގެ ހާލަތު ބަޔާންކޮށް ހިއުމަތް ރައިޓްސް ކޮމިޝަނަށް ވެސް ސިޓީއެއް ފޮނުވާފައެވެ.