މީގެ 10 އަހަރުކުރިން މާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ އޭރުގެ ލޯބިވެރިޔާގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރަށް ޖަލަށްލާން ހައިކޯޓުން ހުކުމް ކުރުމުން ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމަށް ހިތްހަމަ ޖެހުމެއް ލިބިއްޖެއެވެ.
މި މައްސަލާގައި ދައުލަތުގެ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެތައް އަހަރެއް ފަހުން އެ މައްސަލަ ސާބިތުވާކަމަށް ހުކުމް ކުރުމުން ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. ޝަމީމް ވިދާޅުވީ ދަށު ކޯޓުން ނާކާމިޔާބުވި ނަމަވެސް، މައްސަލައިގައި ކުރެވުނު މަސައްކަތް ކާމިޔާބު ވާނެ ކަމުގެ އުންމީދު އަބަދުވެސް އޮތް ކަމަށެވެ.
It's refreshing to get a conviction after so many years. I worked on this cases as a prosecutor. One of the cases we argued using circumstantial evidence only. We may have failed at lower court, but we were always convinced we had a good case. pic.twitter.com/gvFreidNgN
— Hussain Shameem (@HuShameem) August 5, 2020
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ މުހައްމަދު ނަޖާހުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ. ނަޖާހުގެ މައްޗަށް އެ ދައުވާ ކުރީ 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މާފަންނު ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރިޔަމް ޝީރީނާއެކު އުޅުނު އުޅުމުގައި އޭނާ ޝީރީން މަރާލާފައިވާ ކަމަށް ބުނެ އެވެ.
މި މައްސަލަ ދައުލަތުން ހައިކޯޓަށް ހުށަހެޅީ މި މައްސަލައިގައި ނަޖާހުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން 2015 އަހަރު ހުކުމް ކުރުމާ ގުޅިގެންނެވެ.
ޝީރީން މަރާލާފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް މ. އަންގާގިރި ކިޔާ ގޭގައި ހުރި ކުނިތަކެއްގެ ތެރެއަށް އެއްލާލާފައި އޮއްވައި އެވެ. އޭނާ ފެނިފައި ވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.