Last Updated: November 24, 21:27
Sunday, November 24, 2024
ޚަބަރު

އިގްތިސާދުގައި "އޮއްވަޅު ގޮނޑި" ކުޅެން ވެއްޖެނަމަ ގައުމު ބިކަވާނެ

އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް

އިގްތިސޯދުގައި "އޮއްވަޅު ގޮނޑި" ކުޅެން ވެއްޖެ ނަމަ ގައުމު ބިކަވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އިގްތިސޯދުގައި "އޮއްވަޅު ގޮނޑި" ކުޅެންވެއްޖެ ނަމަ ގައުމު އިތުރަށް ބިކަވެ ދަރަނިވެރިވެ ސިޔާދަތު އެއްކޮށް ގެއްލިދާނެ ކަމަށެވެ. ސަރުކާރަށް އެކަނި އެކަން ނުވާނެ ކަމަށާއި ވިޔަފާރިވެރިންނާއި ފްރީލާންސްކޮށް މަސައްކަތް ކުރާ ފަރާތްކާއި މަޝްވަރާ ކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައި މިވަނީ ކުރިޔަށް އޮތް ހަމަސް ރާއްޖެއަށް ވަރަށް ދަތިވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވުމާއި ގުޅިގެންނެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ދެކެމުން މިދާ ދަތިކަމަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު މުޅި ދުނިޔެއަށް ވެސް އިގްތިސާދީ ގޮތުން ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

ކޮވިޑް-19 އަކީ ހަމައެކަނި ރާއްޖޭގައި އޮތް ކަމެއް ނޫން ކަމަށާއި ރާއްޖޭގެ އިގްތިސޯޯދަށް ވަންނަ ފައިސާގެ ބޮޑުބައި ވައްދަނީ ޓޫރިޒަމުން ކަމަށްވެފައި ކޮވިޑާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުވެފައި، އެ ބޯޑަރުތަކުން ފުރައިގެން ފަތުރުވެރިން ނާންނާތީ ރާއްޖޭގެ އިގްތިސޯދު އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައިވާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"ގަބޫލު ކުރެވޭ ގޮތުގައި ކުރިއަށް އޮތް ހައެއް ނޫނީ އަށް މަސް ވަރަށް ދަތި ވާނެ" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއިން މިހާރު ކުރިމަތިލާފައިވަނީ ދުވަހަކުވެސް ރާއްޖެއިން މީގެކުރިން ކުރިމަތިނުލާވަރުގެ އިޤްތިޞާދީގޮތުން ދަތި ދުވަސްތަކަކާއި ކަމަށާއި އަދި ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ކުރިން ލަފާކުރެވުނަސް، މިހާރު ލަފާކުރަނީ މައިނަސް އެގާރަ އިންސައްތަ ދަށަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކޮވިޑް ދުނިޔޭގައި ނެތް އިރުގައި އަންދާޒާ ކުރަމުން އައީ ރާއްޖޭގެ އިގްތިސާދު ނުވަތަ ޖީޑީޕީ 7.5 އިތުރުވާނެ ކަމަށް. މިހާރު އަންދާޒާ ކުރަނީ ގާތްގަނޑަކަށް މައިނަސް 11 ޕަސެންޓް ދަށަށްދާނެ ދާނެ ކަމަށް. އެއީ ވަރަށް ބޮޑު ދަށްވުމެއް" މިނިސްޓަރު ވިދާޅުވިއެވެ.

އަދި ކުރިން އޮތް ހިސާބަށް ރާއްޖޭގެ އިޤްތިޞާދު އަލުން ދާނެކަމަށް ލަފާކުރެވެނީ 2022 ވަނަ އަހަރުކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ހާލަތުން އަރައިގަތުމަށް ސަރުކާރުގެ އަމާޒު ހުރީ އިޤްތިޞާދު މިހާރަށްވުރެ ފުޅާކޮށް، ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.