މީދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް (ސަންޓްރެވަލް ސިޔާމް) އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެރެންޓީ ދީގެން ނަގާފައިވާ 127 މިލިއަން ޑޮލަރުގެ ލޯނު ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަހުމަދު ސިޔާމް ހޯލްޑިންގްސް (އޭއެޗްއެސް) ލޯނުގެ ދަށުން، ޗައިނީޒް އެގްޒިމް ބޭންކަށް ދަރަނި އަދާކުރުމުގައި، މިއަހަރުގެ ޖެނުއަރީ ގެ ނިޔަލަށް ދައްކަންޖެހޭ ފައިސާ އެ ކުންފުނިން ދައްކާފައިވާކަން ސޮވްރިން ގެރެންޓީގެ އުސޫލުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުގައި އަންގާފައިވާ ކަމަށެވެ.
ނަމަވެސް، މިދިއަ މަހުގެ 21 ވަނަ ދުވަހު ގެ ކުރިން، އޭއެސްއެޗް އިން އެގްޒިމް ބޭންކަށް ދައްކަންޖެހޭ ލޯނުގެ ޕްރިންސިޕަލް، އިންޓަރެސްޓް އަދި އެހެނިހެން ފީ އަށް ވާ އަދަދު ދައްކާ ފައި ނުވާތީ، ސޮވްރިން ގެރެންޓީ ދޫކުރި ފަރާތުގެ ހައިސިއްޔަތުން، މިފައިސާ ދެއްކުމަށް ސަރުކާރަށް އަންގާފައިވާކަމަށް އެ ބަޔާނުގައި ބުންޏެވެ.
ސިޔާމް ކުންފުންޏަށް ކުރީގެ ސަރުކާރުން ސޮވެރިން ގެރެންޓީ ދޫކޮށްފައިވަނީ އެކަމަށް ހެދުނު އުސޫލުގެ ދަށުން ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.
މި ސަރުކާރުން ސޮވްރިން ގެރަންޓީ ދޫކުރާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކުން ނަގާ ލޯނުތަކުގެ ތެރެއިން ކޮންމެހެން ސޮވްރިން ގެރަންޓީ ބޭނުންވާ ލޯނުތަކަށް އެކަނި ކަމަށްވެސް ފިނޭންސް އިން ބުންޏެވެ.
ސިޔާމްގެ ކުންފުނިން އެ ފައިސާ ދައްކާފައިވާއިރު ސިޔާމްގެ ކުންފުންޏަށް ގެރެންޓީ ދީގެން ލޯނު ދިނުމާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާ ސުވާލު ކުރުމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ހުށަހަޅުއްވާފައެވެ. އެ ސުވާލުގެ ނޯޓިސް އިއްޔެ ފިނޭންސް މިނިސްޓަރަށް ވަނީ ފޮނުވާފައެވެ.
ސިޔާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް ގާތް ބޭފުޅެކެވެ. އެނގިފައިވާ ގޮތުގައި އޭރު އެ ލޯނެއް ސިޔާމްގެ ކުންފުނިން ނަގާފައިވަނީ ސިޔާމްގެ އިރުފުށި އައިލެންޑް ރިސޯޓް ތަރައްގީ ކުރުމަށެވެ.