ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ ހައްޔަރުކޮށްގެން ގެންގުޅުނު ޔަމަނުގެ ރައްޔިތެއް ކަމަށް ޔާސިރު ޔަހްޔާ ސޯލިހު މަރުވުމުން އޭނާގެ ދިފާއުގައި ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންތަކެއް ހިންގާ ބިލާދް އަލް ޝާމް މީޑިއާ ގްރޫޕް އިން ބަޔާނެއް ނެެރެފިއެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ތިން އަހަރު ދުވަސް ވަންދެން އެއްވެސް ދައުވާއެއް ނެތި ޝަރީއަތެއް ކުރިޔަށް ނުގެންގޮސް ޔާސިރު ބަންދުގައި ބަހައްޓާފައި ހުރުމަކީ އިސްލާމްދީން ދަސްކޮށްދީފައިވާ ކަންތައްތަކެއް ނޫން ކަމަށެވެ. އެއީ ގާނޫނުތަކާއި ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މަރުވި ޔާސިރުގެ އާއިލާއަށް ތައުޒިޔާ ފޮނުވާ ނެރުނު އެ ބަޔާނުގައި ބުނެފައި ވަނީ މިއީ އާއްމުންގެ ރުހުން ހޯދުމަށް ސިޔާސީ ފަރާތްތަކުން ކުޅޭ ގޭމް ހުއްޓުވާ އެކަންކަމަށް ވިސްނަންޖެހޭ ވަގުތު ކަމަށެވެ. ބިލާދް އަލް ޝާމުގެ ބަޔާނުގައި އަދުލު އިންސާފު އިސްލާހުކޮށް އިންސާފު ގާއިމް ކުރަން ބުނާ ވާހަކަތަކަށް އިތުބާރު ނުކުރުމަށް ވަނީ ގޮވާލައިފައެވެ.
އެކި ފަންތީގެ މީހުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި އަވަހަށް އިންސާފު ލިބެމުން ދަނީ ފައިސާ ވެރިންނަށް ކަމަށެވެ. އެފަދަ ސިޔާސަތުތައް ގެންގުޅޭ ދައުލަތްތައް އަވަހަށް ރިފޯމު ކުރަން ޖެހޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ދިވެއްސަކާއި ކައިވެނި ކޮށްގެން އުޅުނު ޔަމަނުގެ ޔާސިރު ޔަހްޔާ ބަންދުކޮށްގެން ގެންގުޅުނުތާ އެތައް ދުވަހެއްވީ ފަހުން މަރުވީ އޭނާގެ ހާލަތު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މި މަހުގެ ދެވަނަ ދުވަހުއެވެ.
ޔާސިރުގެ ހަށިގަނޑު ވަޅުލާފައި ވަނީ މަރުވިތާ ތިން ދުވަސް ފަހުންނެވެ. ޖަނާޒާގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އާއިލާގެ ފަރާތުންނެވެ.
ޔާސިރުގެ މަރާ ގުޅިގެން ކަރެކްޝަނާއި އިމިގްރޭޝަން އާއި ފުލުހުން ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ބުނީ ޔާސިރަކީ ރަރިސްޓު ޖަމާއަތެއް ކަމަށްވާ އަލްގައިދާއަށް ނިސްބަތްވާ މީހެއް ކަމަށާއި އޭނާ އަކީ ޓެރަރިޒަމާ ގުޅުން އޮވެގެން ގައުމުތަކުން މީގެކުރިން ހައްޔަރުވެސް ކޮށްފައިވާ މީހެއް ކަމަށެވެ.
ނަމަވެސް އާއިލާގެ ފަރާތުން އެކަން ވަނީ ދޮގުކޮށްފައެވެ. އާއިލާ އިން ބުނީ ޔާސިރަކީ އެފަދަ މީހެއް ނަމަ މިވީހާ ދުވަހު އޭނާ އަށް ދައުވާ ނުކޮށް ހުކުމެއް ނުކޮށް ހުރުމުން ސަރުކާރުން ދައްކާ ވާހަކައިގެ އެއްވެސް ބުރަދަނެއް ނެތް ކަމަށެވެ.