މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން އިތުރު އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ހުރި ނަމަ އެކަން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ހިއްސާ ކޮށްދިނުމަށް އެ ކޮމިޝަނުން އެދިއްޖެއެވެ.
ރިލްވާން ގެއްލުނުތާ މިއަދަށް 6 އަހަރު ވަނީ ފުރިފައެވެ. އެކަމާއި ގުޅިގެން މަރު ކޮމިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ނޫސްވެރިޔާ ރިލްވާނަށް ވީނުވީ ގޮތެއް ނޭނގި ގެއްލުވައިލިތާ މިއަދު ހަ އަހަރު ފުރޭއިރު، އޭނާގެ އާއިލާއަށް އިންސާފު ނުލިބި އޮތްކަމީ، އެ އާއިލާއަށް ލިބިފައިވާ ބޮޑު ހިތާމައެއްކަން ފާހަގަކުރާ ކަމަށެވެ.
އެ ހިތާމައިގައި ބައިވެރިވާ ކަމަށް ބުނެ ނޫސްބަޔާނުގައި ބުނެފައި ވަނީ ރިލްވާންގެ އާއިލާއާއި، ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ އެހެނިހެން މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް އެ ކޮމިޝަނުން ފަށާފައިވާ ބުރަ މަސައްކަތް، އެއް އަޒުމެއްގައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު އެ ކޮމިޝަނަށް އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވުމާއި ގުޅިގެން، ކުރިއަށް އޮތް ސެޕްޓެންބަރު މަހުގެ ތެރޭގައި އެފަދަ މާހިރެއް ޢައްޔަނުކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަންނަ ކަމަށް އެ ބަޔާނުގަިއ ބުނެފައިވެއެވެ.
މަރު ކޮމިޝަނުގެ ބަޔާނުގައި އެ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ، ޖުލައި މަހުގެ 02 ވަނަ ދުވަހު ރިލްވާން އާއި މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ އާއިލާތަކާއި އެމަނިކުފާނާއި ބައްދަލު ކުރެއްވުމަށްފަހު ކަމަށް ވަނީ ބުނެފައެވެ.
އެ ނިންމެވުމާއި ގުޅިގެން، ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ތަމްރީނާއި ތަޖުރިބާ ހޯދާފައިވާ ބޭރުގެ މާހިރެއް ހޯދުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ގުޅިގެން ކުރަމުން ގެންދާ ކަމަށްވެސް އެ ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.
އިތުރަށް އެ ބަޔާނުގައި ބުނެފައި ވަނީ ގެއްލުވައިލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މައްސަލާގައި ކޮމިޝަނަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ރިލްވާން ގެއްލުވައިލުމާއި ގުޅޭ އިތުރު މައުލޫމާތު އެނގޭނެ އިތުރު ފަރާތްތައް އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޤަބޫލުކުރެވޭ ކަމަށާއި އެ މައުލޫމާތު އެ ކޮމިޝަނާއި ހިއްސާ ކުރުމުގެ ފުރުސަތު އަދިވެސް އޮތްކަން ވަނީ ފާހަގަކޮށްފައެވެ. އަދި، އެފަދަ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އެ ކޮމިޝަނުން ވަނީ އަރުވާފައެވެ.