Last Updated: November 23, 13:24
Saturday, November 23, 2024
ރިޕޯޓް

ބަލި ކޮންޓްރޯލް ކުރެވޭނީ ފާޑުކިޔައިގެނެއް ނޫން، ރައްކާތެރިކަން އިސްކޮށްގެން!

މިދިޔަ ޑިސެމްބަރު މަހު ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަން ނުފެތުރޭ އެއްވެސް ހިސާބެއް ދުނިޔޭގައި ނެތެވެ. ސިއްހީ ނިޒާމު އެންމެ ކުރި އަރާ ތިބި ގައުމުތަކުގައި ވެސް މިބަލި ފެތުރި ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ގޮސް އެތައް ބަޔަކު ވަނީ މަރުވެފައެވެ. ސަބަބަކީ މިއީ ހަލުވި ކަމާއި އެކު ފެތުރޭ ވެކްސިނެއް ހޯދިފައި ނުވާ އާބައްޔަކަށްވުމެވެ.

ޗައިނާގެ ވޫހާން ސިޓީން ފުރަތަމަ ފެނުނު މި ބަލި ރާއްޖެއަށް އައުމާއި އެކު ސަރުކާރުން ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އެޅިއެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށް ބަލި ޖެހޭ މީހުން އެކަހެރިކޮށް، ބަލި ޖެހޭ މީހުންގެ ކޮންޓެކްޓު ޓްރޭސިން ހަދައި އެމީހުން އެކަހެރިކުރުމުގެ ބުރަ ބިޔަ މަސައްކަރް ކުރިއެވެ. ނަމަވެސް މާލޭގައި ކޮވިޑް ފެތުރި ސަރުކާރުން ބަލި ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އިގްތިސޯދު ފުނޑުފުނޑުވުމަށް ދޫކޮށްނުލައި، ދިން ލުއިތަކުގެ ބޭނުން އެދެވޭ ގޮތެއްގައި ރައްޔިތުންނަށް ނުހިފުމެވެ.

އިއްޔެ އައްޑޫ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ގެ ކޭސްއެއް ފެނިފައިވާއިރު 24 ގަޑިއިރު ނުވަނީސް އިތުރު ދެ ކޭސް ވަނީ ފެނިފައެވެ. މިއަދަދު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިންތިހާ އަށް މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމަކަށް ވާއިރު އަދިވެސް ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅޭކަން ފާހަގަކުރެވެއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކޮވިޑް ވަނީ ވަރަށް ބާރު ސްޕީޑެއްގައި ފެތުރިގެން ގޮސްފައެވެ. ނަމަވެސް ގިނަ ގައުމުތަކުން މިބަލި ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައެވެ. ބަލި ކޮންޓްރޯލް ކުރި ގައުމުތަކުން އެކަން ކޮށްފައިވަނީ ސަރުކާރުން ދޭ އިރުޝާދުތަކުގެ ބޭނުން ހިފައި، ފަރުދީ ޒިންމާ އަދާކޮށް އަމިއްލައަށް ރައްކާތެރިކަން އިސްކޮށްގެންނެވެ.

މިވަގުތަކީ އައްޑޫގެ ރައްޔިތުން ވެސް މިފަދަ ނަމޫނާތަކުގެ ބޭނުން ހިފަންވީ ވަގުތެވެ. އެކަކު އަނެކަކަށް ތުހުމަތުގެ އިނގިލި ދިއްކުރުމަށް ވުރެ ވައިރަސް ހިފެހެއްޓުމަށް ބޭރަށް ނިކުތުން މަދުކުރުމާއި ކޮންމެހެން ނިކުންނަން ޖެހުނަސް މާސްކު އަޅައިގެން ނިކުތުން އިންތިހާއަށް މުހިންމެވެ.

އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވާ ގޮތަށް ގައި ދުރުކަން އިސްކުރުމާއި ފިހާރަތަކަށް މާ ގިނަ މީހުން އެއްފަހަރާ ވަދެ ތޮއްޖެއްސުން މަދު ކުރުމަކީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އަމިއްލައަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ކޮންމެ ކަމެއް އެހެން ފަރާތެއްގެ ޒިންމާއެއްގެ ގޮތުގައި ނަހަދާ، ފަރުދީ ޒިންމާ އަދާކޮށް އަމިއްލައަށް އަމިއްލަ ނަފްސު ރައްކާތެރިކުރުމަށް ޑަބްލިއު އެޗްއޯ އިން މީގެ ކުރިން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮވިޑް-ް9ގެ ބަލިމަޑުކަމުން އައްޑޫ ރައްޔިތުންނާއި މުޅި ރާއްޖެ ސަލާމަތްވާން އޮތީ ފަރުދީ ޒިއްމާ އަދާކޮށްގެންނެވެ. އެކަކު އަނެކަކަށް އިނގިލި ދިސްނުކޮށް ފަރުދީ ޒިއްމާ އަދާކޮށް ރައްކާތެރިކަން އިސްކޮށްގެންނެވެ.