މިދިޔަ އަހަރުގެ ޑިސެމްބަރުގެ ފަހުން ވަޒީފާ އަށް އަސަރުކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓު އެލަވެންސް ދޭން ނިންމައިފިއެވެ.
މިގޮތަށް ނިންމުމުން ގިނަ ބަޔަކަށް އެލަވަންސް ލިބިގެންދާނެއެވެ. ކުރިން އުސޫލު އޮތް ގޮތުންނަމަ ވަޒީފާއަށް އަސަރު ކުރި ފަރާތްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ މާޗް އެކެއްގެ ފަހުން ކޮވިޑް19 އާ ގުޅިގެން ވަޒީފާއިން ވަކިކޮށް ނުވަތަ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކުރުމާއި މުސާރަ ނުލިބޭގޮތަށް ނޯޕޭއަށް ފޮނުވައިފައިވުން އަދި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކެވެ.
ރައީސް އޮފީހުން ރޭ ގެޒެޓުކޮށްފައިވާ "ކޮވިޑް19 އާއި ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވެސް ދިނުމާ ބެހޭ އުސޫލު" ގައި ބުނެފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް19 އާއި ގުޅިގެން އެބަޔެއްގެ ވަޒީފާ އަށް 2019 ޑިސެމްބަރު މަހުގެ ފަހުން އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވެސް ލިބޭ ޝަތުރު ހަމަވާ މީހުންނަށް އެލަވެންސް ދޭން ނިންމާފައިވާ ކަމަށެވެ.
ސަރުކާރުން ވަނީ ކޮވިޑް19 ގެ ސަބަބުން ވަޒީފާތަކަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް 5،000 ރުފިޔާގެ އެލަވަންސް އެއް ދިނުމަށް ނިންމާފައެވެ. މި އެލަވަންސް ލިބޭ މީހުންގެ ތެރޭގައި ކޮވިޑް19 ގެ ސަބަބުން މުސާރަ ކުޑަ ކޮށްފައިވާ މީހުންނާއި ނޯޕޭ ލީވް ދީފައިވާ މީހުންނާއި ވަޒީފާއިން ވަކި ކޮށްފައިވާ މީހުން ހިމެނެއެވެ.
އުސޫލުގައި ބުނެފައި ވަނީ މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5،000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ 5،000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ލިބިގެންދާނެ ކަމަށެވެ.
އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެ ފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5،000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ، 5،000 ރުފިޔާއިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް، އެ ފަރާތަކަށް ފޯރުކޮށްދެވޭނެ ކަމަށެވެ.