ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާ ކަމަށާއި ފިނޭންސް މިނިސްޓްރީގައި މިހާރު ހުރި ހިސާބުތަކާއި ރައްޔިތުންގެ މަޖިލީހުގައި ހުރި ހިސާބުތަކާ ދިމާނުވާ ނުވާތީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ އިތުރަށް ބެލުމަށް ފާސްކޮށްފިއެވެ.
އެ މައްސަލަ 53 މެންބަރުންގެ ވޯޓުން ފާސްކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމެޓީއިން އެކަން ދިރާސާ ކުރުމަށެވެ.
އެ މައްސަލައާ ގުޅިގެން ނަޝީދު ވަނީ މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަށް ދަރަނި ރަނގަޅަށް މެނޭޖު ކުރަން އެނގިވަޑައި ނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިއަދުގެ މި މައްސަލައަށް ބަހުސް ކުރައްވަމުން ރައްޔިތުން މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މިއަދު ދައުލަތް ވެއްޓިފައިވާ އަނދަވަޅަށް ވެއްޓިގެން އުޅެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަން ކޮށްފައިވާ އޮތް ގޮތުން ކަމަށެވެ. އެގޮތުން ދައުލަތް ޒިންމާވާ ގޮތަށް އާއްމު ފަރުދުންނަށް ލޯނު ދޫކޮށްފައިވާތީވެސް އާޒިމް ވަނީ ނުރުހުންފާޅު ކުރައްވާފައެވެ.
މީގެއިތުރުން އާޒިމް ވަނީ ދިވެހި ދައުލަތް މިހާރު ވެއްޓިފައިވާ ހާލަތުން އަރައިގަތުމަށްޓަކައި މަޖިލީހަށް ރިވައިޒް ބަޖެޓެއް ނުފޮނުވުމުން އެކަމާއި ވެސް ނުރުހުން ފާޅުކުރައްވާފައެވެ.