ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓުންތަކެއް ނަން އަނބުރާ ގެންގޮސްފިއެވެ.
އެގޮތުން އެމްޑީޕީ އަށް ނިސްބަތްވާ ހަތަރު ކެންޑިޑޭޓަކު ނަން އަނބުރާ ވަނީ ގެންގޮސްފައެވެ. އެ ހަތަރު ކެންޑިޑޭޓުންނަކީ ވެސް ތިން ރަށެއްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީ އަށް ވާދަކުރާ ހަތަރު ކެންޑިޑޭޓުންނެވެ.
ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންނަކީ ގދ. ގައްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލި ފާތިމަތު އީނާސްއާ ހަމަ އެ ރަށުން އެ މަގާމަށް ކުރިމަތިލާފައިވާ މަރްޔަމް މުޙައްމަދާއި ގއ. ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ސަލްމާގެ އިތުރުން ށ. ކަނޑިތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ފާޠިމަތު ޝާމިލާއެވެ.
ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިއުލާން ކުރާނެ ކަމަށް އީސީން ބުނެއެވެ.
ނަން އަނބުރާ ގެންދިއުމަށް ބޭނުންވާނަމަ އެކަމަށް އެދި ހުށަހަޅާނީ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމު" އިން ކަމަށް އީސީން ބުނެއެވެ.
މި ފޯމު ދިވެހި ސަރުކާރުގެ ގެޒެޓުންނާއި ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ލިބެން ހުންނާނެއެވެ. ފޯމު ހުށަހަޅުއްވާނީ ކޮމިޝަނުގެ އީމެއިލް (info@elections.gov.mv) މެދުވެރިކޮށެވެ.
ކޮވިޑް-19 އާއި ގުޅިގެން މިއަހަރު ބާއްވަން ހަމަޖެއްސި މި ދެ އިންތިހާބު ފަސްކޮށްފައިވާއިރު، މި ދެ އިންތިހާބު ބޭއްވުމަށް މިހާރު މަސައްކަތް ކުރަނީ އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅުއެވެ.