Last Updated: November 27, 13:36
Wednesday, November 27, 2024

(އޮގަސްޓް 15، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ކައިވެނީގެ ކުރިން ވެސް އަދި ފަހުން ވެސް ޔޫސުފަކީ މާބުރުގެ އުޞޫލު ގެންގުޅޭ މީހެއް ކަމަށް ސަކީނާ ގާތުގައި ކިތަންމެ ބަޔަކު ބުނަމުން ދިޔަ އެވެ.
ހުދު ސަކީނާ އަށް ވެސް ޔޫސުފްގެ ފޯނުން އެތައް ބައިވަރު މެސެޖްތައް ފެނުނެވެ. ކޮންމެ ފަހަރަކު ވެސް ޔޫސުފް ހަދަނީ ދޮގެވެ. ނަމަވެސް މިއަދު އެ ހުރިހާ ކަމެއް ސަކީނާ އަށް ވަނީ އަތުންހިފައި ލޮލުން ދެކެފަ އެވެ.

”މިހާރު އަހަންނަށް ފާރަ ވެސް ލާންފެށީ ދޯ؟ އަހަރެން ކޮންމެ ކަމެއް ކުރިޔަސް އެއީ ސަކީނާ އާ ބެހޭ ކަމެ އްނޫން." ޔޫސުފް އެނދުން ތެދުވަމުން ބުނެލި އެވެ.

"ކަލޭ ލަދެއް ނުގަނޭތަ ތިހެން ބުނަން. ކަލޭތީ މަގޭ ފިރިމީހާއޭ." ސަކީނާ ބޭނުންވީ ޒުވާބު ކުރާށެވެ.

"ފިރިމީހާއޭ…ހަނދާން ކުރާތި ކަލޭތީ މީގެ ފަހުން މަގޭ އަންބެތް ނޫން." ޔޫސުފް ގަމީހުގެ ގޮތް އަޅުވަމުން އެއްވެސް ޖެހިލުމެެއް، ވިސްނުމެއް ނެތި ބުނެލި އެވެ.

ސަކީނާގެ ފައިދަށުން ހީވީ ބިންގަނޑު ކަނޑައިގެން ދިޔަހެންނެވެ. ފަންސަވީސް އަހަރުވަން ދެން ޔޫސުފް އާ އެއްކޮށް ސަކީނާ އުޅެމުން ދިޔައީ ވަރަށް ފޮނި އުންމީދެއްގަ އެވެ. އެހެނަސް އޭނާގެ ފަރާތުން ލޯތްބާއި ވަފާތެރިކަމާއި އޯގާވެރިކަމުގެ ބަދަލުގައި ސަކީނާ އަށް ލިބެމުން ދިޔައީ އަނިޔާވެރިކަމާއި ހިތްދަތިކަމާއި ހިތާމަ އެވެ. ބޭވަފާތެރިކަމާއި، މާޔޫސްކަމާއި، ވޭނީ ހިތާމަތައް ލިބެމުން ދިޔައީ އިންތިހާއަށެވެ.
ސަކީނާގެ ރަނގަޅު ކަމަކީ މިވީހާ ދުވަހުވެސް ޔޫސުފަށް ބޭވަފާތެރި ނުވެ ބޭއިންސާފުން އެއްވެސް ކަމެއް ނުކޮށް ހުރުމެވެ. އަދި ޝަކުވާ ވެސް ބައެއް ފަހަރު ކުރަނީ ޔޫސުފްގެ އަމަލުތައް ހުންނަ ގޮތުންނެވެ. ނަމަވެސް މިއަދު ސަކީނާގެ އެއްވެސް ކުށެއް ނެތި ޔޫސްފް ވަނީ ސަކީނާ ވަރިކޮށްފަ އެވެ.

ޔޫސުފަކީ އަނިޔާވެރިކަމުން ފުރިފައިވާ ކެހިވެރި މަކަރުވެރިއެކެވެ. ދަރިންގެ ކުރިމަތީގައި އުޅެނީ އެންމެ މާތް މީހެއް ކަމަށް ހެދިގެންނެވެ. ސަކީނާ ބޭނުންވީ މި މަންޒަރު އެނާގެ ނާހިލް އަށް ދައްކާށެވެ.

"ނާހިލް…ނާހިލް…" ސަކީނާ ދެ ފަހަރަށް ބާރަކަށް ނާހިލް އަށް ގޮވައިލި އެވެ. ސަކީނާގެ އަޑު ވަނީ ތުރުތުރު އަޅާފަ އެވެ. ގައިގައި އެއްވެސް ހިތްވަރެއް ނެތެވެ. ނާހިލްގެ އެއްވެސް ޖަވާބެއް ގޭތެރެއިން ނުލިބުނެވެ. ޔޫސުފް ކޮޓަރިން ނިކުންނަން އުޅުމުން ސަކީނާ ބޭނުންވީ ޔޫސުފަށް ކޮޓަރިން ބޭރަށް ނުދެވޭ ގޮތަށް ހަދާށެވެ. ދޮރުގެ ދެކޮޅުގައި އަތް އަޅައިގެން ސަކީނާ ހުއްޓުނެވެ. ޔޫސުފް މަޑުމަޑުން އައިސް ސަކީނާގެ ކުރިމައްޗަށް މަޑު ކުރި އެވެ.

ޝަރީފާގެ ހަބަރެއް ނުވުމުން ނަދާ ފޯނު ކަނޑާލައިފި އެވެ. އަދި ޝަރީފާގެ ފޯނަށް ގުޅި އެވެ. ދެފަހަރު ރިންގުވުމަށް ފަހު ޝަރީފާ ފޯނު ނެގި އެވެ.

"ހަލޯ ދައްތާ." ނަދާ ހާސްވެ ހުރެ ވާހަކަ ދެއްކި އެވެ.

"ހަލޯ ނަދާ ކިހިނެތްވީ؟" ޝަރީފާ ފޯނު ނެގުމަށް ފަހު ޖަވާބު ދިނެވެ.

"ޔޫސުފްގެ ދަރި އެކްސިޑެންޓްވެއްޖެ." ނަދާ އަށް ނާހިލްގެ ނަމެއް ނޭގުމުން ޝަރީފާ އަށް އިނގޭނެ ގޮތަށް ޖަވާބު ދިނެވެ.

"ކި.ކި.ކީކޭ..ނާހިލް އެކްސިޑެންޓްވީއޭ…" ޝަރީފާއަށް ވެސް ލިބުނީ ކުއްލި ޝޮކެކެވެ.

"އާނ ދައްތާ…މިި އުޅެނީ ގޭ ކައިރީގައި ހުރި ހޮސްޕިޓަލްގައި. އަވަހަށް އާދޭ." ނަދާ ހުރިހާ އެއްޗެއް އެއްފަހަރާ ބުނުމަށް ފަހު ފޯނު ކަނޑައިލި އެވެ.

ޝަރީފާ ފޯނު ނުބޭއްވެނީސް ސަކީނާގެ ރުއިމުގެ އަޑު ފަޅައިގެން ދިޔައެވެ. ސަކީނާ އަށް ވަނީ ހިތާމައަކަށް ފަހު ހިތާމައެއް ކުރިމަތިވެފަ އެވެ. އެއްވެސް ކުށެއްނެ ތި ޔޫސުފް، ސަކީނާ ވަރި ކުރުމާއި ސަކީނާގެ ފުރާނަ ކަމުގައިވާ ނާހިލް އެކްސިޑެންޓްވި ހަބަރު ލިބުމުން ސަކީނާގެ ގަޔަށް ހީވީ ގަނޑުފެން މީހަކު އަޅައިލިހެންނެވެ. މީހާ ގަނޑުވެ ބަސް ހުއްޓުނެވެ. ސަކީނާގެ މޫނަށް އަނދިރިވާހެން ސަކީނާ އަށް ހީވި އެވެ.

އޯލެވެލް ނިންމާލުމާއި އެކު މަތީ ތަޢުލީމް ހާސިލް ކުރުމަށް ޝާޔާ ހުރީ އުއްމީދުކޮށްގެންނެވެ. ނަމަވެސް އެ އުއްމީދު ވަނީ ވެއްޔާ މޮޑެވިފަ އެވެ. އެ އުއްމީދުތަކަށް ހުރަސް އެޅީ ޝާޔާގެ ބައްޕަ ސަވާދެވެ. ޝާޔާ ކައިވެނި ކުރަން އަދި ބޭނުމެއް ނޫނެވެ. ނަމަވެސް ކިރިޔާ ވެސް ބައްޕަގެ ފަރާތުން ސަލާމަތްވާން އޮތް ގޮތަކީ ކައިވެނިކޮށްގެން ކަމަށް ޝާޔާ ގަބޫލް ކުރި އެވެ.

"ބަލަ ޝާޔާ…ކިހިނެއްވެފަ ތި އިނީ؟ އަނގައިން ބަސް ހުއްޓިފަ އާވާރާވެފަ…" ޝާޔާގެ ގައިގައި ކޮށްޓާލަމުން މަލާމާތުގެ ރާގަކަށް، ހީލާފައި ސަވާދު ބުނެލި އެވެ. ޝާޔާ ދިޔައީ ސިއްސައިގެނެވެ. ހިޔާލީ އެ ދުނިޔެއިން ހޭލައްވާލުމުން އެކަމާ ހިތްހަމަނުޖެހިގެން އިން ގޮތަކަށް ބުނެލިއެވެ.

"އޫނ…މި އުޅެނީ ބޮލުގައި ވަރަށް ބޮޑަށް ރިއްސާތީ. ފެންވަރައިގެން އެ ގެއަށް ދާނަން." ޝާޔާ ބޭނުންވީ ސަވާދުގެ ކައިރިން ދުރަށް ދާށެވެ.

"ކޮންމެހެން އޮޅުވާލަން މަސައްކަތް ނުކުރޭ ޝާޔާ. ތި ވިސްނަނީ އަހަރެންގެ ފަރާތުން ކަމެއް ވެދާނެތީ ބިރުންދޯ؟" ލާނެއް ގޮތަކަށް ޝާޔާގެ އަތުގައި ބާރަށް ހިފައިލަމުން ސަވާދު ބުންޏެވެ.

(ނުނިމޭ)