ރާއްޖެ ދަރަނި ނުދެއްކޭނެ ހާލަތަކަށް ނުދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ދެ ފިނޭންސް މިނިސްޓަރުން ކަމަށްވާ އަހުމަދު މުނައްވަރާއި އަދި ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދު ވެސް ހާޒިރު ކޮށްގެން ބޭއްވި މުޅި މަޖިލީހުގެ ކޮމެޓީގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ރާއްޖެ ސޮވަރިން ޑެބްޓަކަށް ނުދާނެ ކަމަށެވެ.
އަމީރު މިފަދައިން ވިދާޅުވީ މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަންޓްރެވަލް ސިޔާމް) ގެ ކުންފުންޏަކުން ލޯނެއް ނެގުމަށް ދައުލަތް ޒިންމާވާ ގޮތަށް ގެރެންޓީ ދިނުމާއި ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އަމީރު ވިދާޅުވީ ސަން ސިޔާމްގެ ކުންފުންޏަށް ސޮވެރިން ގެރެންޓީ ދިނުމުގައި މޯގޭޖް އެގްރީމެންޓްތައް ވެސް އޮންނަ އުސޫލުގެ ތެރެއިން ހަދާފައިވާ ކަމަށެވެ.
މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ މި ސަރުކާރާ ހަވާލުވި އިރު ވެސް މި ޕްރައިވެޓް ގެރެންޓީ ދީފަވާ ކަމަށެވެ. އަދި މާލިއްޔަތު ގަވާއިދުގައި އޭރު ހެދިފައި އޮތް އުސޫލުގެ ތެރެއިން ކަމަށެވެ.
ސަން ސިޔާމްގެ އިރުފުށި ރިސޯޓު ތަރައްގީ ކުރުމަށް 127 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެރެންޓީ ދީގެންނެވެ.