ކޮވިޑް-19 އާ ގުޅިގެން އެ ބައެއްގެ ވަޒީފާއަށް އަސަރު ކޮށްފައިވާ ފަރާތްތަށް އިންކަމް ސަޕޯޓު އެލަވަންސްގެ ދެވަނަ ބުރަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
މި ފަހަރު ހުޅުވާލާފައި ވަނީ ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހަށް އިންކަމް ސަޕޯޓަށް އެދުމުގެ ފުރުސަތެވެ. ޖުލައި މަހާއި އޮގަސްޓް މަހުގެ އެލަވަންސަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 31 އޮގަސްޓުގަ އެވެ. އަދި ސެޕްޓެމްބަރުގެ އެލަވަންސަށް އެދުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު އެކަކުން 30ވަނަ ދުވަހާ ހަމައަށެވެ.
ސަރުކާރުން ވަނީ ކޮވިޑް19 ގެ ސަބަބުން ވަޒީފާތަކަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް 5،000 ރުފިޔާގެ އެލަވަންސް އެއް ދިނުމަށް ނިންމާފައެވެ. މި އެލަވަންސް ލިބޭ މީހުންގެ ތެރޭގައި ކޮވިޑް19 ގެ ސަބަބުން މުސާރަ ކުޑަ ކޮށްފައިވާ މީހުންނާއި ނޯޕޭ ލީވް ދީފައިވާ މީހުންނާއި ވަޒީފާއިން ވަކި ކޮށްފައިވާ މީހުން ހިމެނެއެވެ.
އުސޫލުގައި ބުނެފައި ވަނީ މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5،000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ 5،000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ލިބިގެންދާނެ ކަމަށެވެ.
އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެ ފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5،000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ، 5،000 ރުފިޔާއިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް، އެ ފަރާތަކަށް ފޯރުކޮށްދެވޭނެ ކަމަށެވެ.