ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ބުނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވައިލާފައިވާ ކަމަށެވެ. އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން ހުޅުވައިލައްވާފައި މި ވަނީ، އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމެއް ހުސްވެފައިވާތީއެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އޮގަސްޓް މަހުގެ 16، 17 އަދި 18 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށެވެ. އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް presidency.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
އެންއައިސީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލިއިރު އެ ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާން އިއްޔެ ވަނީ މަގާމުން ވަކިކޮށްފައެވެ.
އޭނާ މަގާމުން ވަކިކޮށްފައި ވަނީ ސުލައިމާން ވަކި ކުރުމަށް އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ކޮމެޓީން ލަފާ އަރުވާފައި ވަނިކޮށެވެ.
ރައީސް އޮފީހުން އެންއައިސީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސަށް ލަފާދެއްވާފައިވާތީ އޭނާ ވަކިކުރަން ނިންމާފައިވާ ކަމަށެވެ. މި ލަފާ ރައްޔިތުންގެ މަޖިލީހުން އެރުވީ މިދިޔަ މަހުގެ 21ވަނަ ދުވަހުއެވެ.
ސުލައިމާންގެ އިތުރުން އެ ކޮމިޝަނުގެ ހަތަރު ހަތަރު މެންބަރަކު މަގާމުން ވަކި ކުރުމަށް ރައީސް ސޯލިހަށް ލަފާ އަރުވަން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ވަނީ ނިންމާފައެވެ.
އެގޮތަށް ނިންމާފައި ވަނިކޮށް އެ ކޮމިޝަނުގެ ތިން މެންބަރަކު މަގާމުން އިސްތިއުފާ ދެއްވިއެވެ. އެއީ ނާއިބު ރައީސް ހައްސާން ހަމީދާއި އެންއައިސީގެ މެންބަރު ހަދީޖާ އަބްދުﷲގެ އިތުރުން ކޮމިޝަންގެ މެންބަރު އަހުމަދު އަމީންނެވެ.