Last Updated: November 27, 01:11
Wednesday, November 27, 2024
ރިޕޯޓް

ހޯމް ކަރަންޓީނުން ކޮވިޑު އައްޑޫއަށް ފެތުރިދާނެ ކަމުގެ ބިރު ބޮޑު!

ހޯމް ކަރަންޓީނަށް އައްޑޫއަށް އައި މީހުންގެ ތެރެއިން 4 މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ބަލި އައްޑޫއަށް ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

ކޮވިޑު-19ގެ 4 ކޭސް އައްޑޫން ފެނިފައިވާ އިރު ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓުވި މީހުންގެ ސާމްޕަލްތައް ވަނީ ނަގާފައެވެ. އަދި އެގޮތަށް ނެގި ހުރިހާ ސާމްޕަލުތަކެއް ވަނީ ނެގެޓިވްވެފައެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފު ސާދާތު (ސާތު) ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވި އެންމެންގެ ހާލުވެސް ރަނގަޅުކަމަށެވެ. އަދި އެ އެންމެންވެސް ތިބީ އެމީހުން ކަރަންޓީނު ވެގެންތިބި ތަނުގައި ކަމަށެވެ.

ނަމަވެސް އައްޑޫ ހައި ސްކޫލްގެ ހޯލްގެ މަސައްކަތް ކުރާ ކުންފުނިން ޕޮޒިޓިވްވި ބިދޭސީ މީހާ ގަމުގެ ދޫގަސްއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެތަނުން އެެމީހާ އާއި ކޮންޓެކްޓުވި 24 މީހުން އެތަނުގައި ވަކިން ކަރަންޓީނުކޮށްފައިވާ ކަމަށެވެ. މި އެންމެންގެ ނަތީޖާވެސް އަދި ދައްކަނީ ނެގެޓިވްކޮށެވެ.

ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި އައްޑޫން 4 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު އަދިވެސް ގިނަ ބަޔަކު މާލެއިން އައިސް އައްޑޫގެ އެކި ރަށްތަކުގައި ކަރަންޓީނުގައި އެބަތިއްބެވެ.

ނަމަވެސް މީގެ ތެރެއިން ބައެއް މީހުން ކަރަންޓީނުގެ އުސޫލާއި ހިލާފަށް ރަށުތެރެއަށް ނިކުންނަ ކަމުގެ އަޑުތައް ދަނީ އިވެމުންނެވެ. އެވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. ނަމަވެސް އެކަން ހަރުދަނާ އުސޫލަކުން މިހާރު ނުބަލައެވެ.

ކޮވިޑު-19ގެ ކޭސްތައް އައްޑޫން ފެނުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރި މީހަކު ބުނީ މިކަމުގެ އެންމެ ބޮޑު ނުރައްކަލަކީ ރަށަށް ކަރަންޓީނަށް އަންނަ މީހުންގެ ކަންކަން ނުބެލެހެއްޓުމެވެ. މީގެ ކުރިން އައްޑޫ ސިޓީ ކައުންސިލުން މަސައްކަތް ކުރި ގޮތަށް މިހާރު ކަންކަން ނުކުރެވޭ ކަމަވެ.

"މީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މާލެއަށް ކޮވިޑު ފެތުރިގެން ދިޔަ ގޮތަށް އައްޑޫއަށް ބަލި ފެތުރިގެން ހިގައިދާނެ ކަމުގެ ބިރު، ހޯމް ކަރަންޓީނުގައި ތިބޭ މީހުންނާއި އެހެންމީހުން އެބަ ބައްދަލުވޭ، އެމީހުން އެބަ ނިކުމޭ ބޭރުތެރެއަށް، މިހާރު ނޭގޭ ހޯމް ކަރަންޓީނުކޮށްފައިވާ ތަންތަނެއް"

މީގެ އިތުރުންވެސް ހޯމް ކަރަންޓީނުގައިވާ މީހާ އާއި ބައްދަލުވެފައިވާ މީހުން ރަށުތެރޭގައި އުޅޭ ކަމުގެ ޝަކުވާވެސް ދަނީ އިތުރުވަމުންނެވެ.

ބަލި ޖެހޭ މީހުންގެ އަދަދު އައްޑޫގައި އިތުރުވަމުން އަންނަ އިރު މިފަދަ މީހުންގެ ކަންކަން ބެލެއްޓުމުގެ ޒިއްމާ މިހާރުން މިހާރަށް މިވަނީ ހަރުދަނާ ކުރަން ޖެހިފައެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓު ޓްރޭސިން ރަނގަޅަށް ހެދުނުތޯ ޔަގީން ކުރަންޖެހެއެވެ. މީހުން ދިރިއުޅޭ ގެތަކުގަިއ ކަރަންޓީނުވެގެން ތިބޭ މީހުންނާއި އެހެންމީހުން ބައްދަލުވޭތޯ ހަރުދަނާ ގޮތެއްގައި ބެލޭނެ ނިޒާމެއް ގާއިމް ކުރަންވެއްޖެއެވެ.

ނޫންނަމަ މިކަމުގައި ދެރަ ހިތާމަވެރި، ބިރުވެރި ހާލަތަކަށް އަޅުގަނޑުމެންގެ ސިޓީ ގޮސްދާނެއެވެ.