Last Updated: November 24, 17:45
Sunday, November 24, 2024
ޚަބަރު

މަސައްކަތް ކުރީ ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރަން، އިތުބާރު ގެއްލޭ ކަމެއް ނުކުރަން

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް - ފޮޓޯ: މަޖިލިސް

މަސައްކަތް ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ކަމަށާއި އިތުބާރު ގެއްލޭ ވަރުގެ ކަމެއް ކުރައްވާފައި ނުވާނެ ކަމަށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރައްވަމުން ގެންދާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރަކު ނަން ހާމަނުކުރައްވައި "އައްޑޫ ލައިވް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުގެ ކަންކަމުގައި އިސްކޮށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވެސް އުޅުއްވައެވެ.

މެމްބަރުން ސޮއި ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެގޮތުން މިހާރުވެސް 22 މެމްބަރުން ސޮއިކޮށްފައިވާ އޭނާ ވިދާޅުވިއެވެ. މި މަސައްކަތުގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް އުޅުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ބައެއް މީޑިއާތަކަށް މިނިސްޓަރު ފައްޔާޒު ވިދާޅުވެފައި ވަނީ ހީކޮށްގެން ހުރީ ވަރަށް ރަނގަޅަށް މަސައްކަތް ކުރެވޭ ކަމަށް ކަމަށެވެ. އަދި އެ މަސައްކަތް މެންބަރުންވެސް ބަލައިގަންނަ ކަމަށް ހީކުރެއްވިން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭނާއަކީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މިނިސްޓަރަކަށްވާއިރު އެކަން ކުރިން އޭނާއާ ހިއްސާކުރެއްވި ނަމަ ރަނގަޅުވީސް ކަމަށެވެ.

"އެ ބޭފުޅުންނަށް އިތުބާރު ނެތްކަމަށް ފެންނަ ނަމަ އެ ބޭފުޅުން ކުރައްވާ ކަމެއް ކުރައްވާނެ. އެކަމާ އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް،" ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒަކީ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު އޮންނަ ވަޒީރެއް ކަމަށް އެމްޑީޕީގެ އެތެރޭގައި އަބަދުވެސް ވާހަކަ ދެކެވެއެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިިމް ވެސް އަދި ރައީސް ނަޝީދު ވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.