ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ދެކުނުން ހުވަދު އަތޮޅާއި ފުވައްމުލައް އަދި ޚާއްސަކޮށް އައްޑޫ ތަރައްގީ ކުރުމުގައި އިހުމާލު ވެފައިވާތީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ފާޑުކިޔުންތައް ސަރުކާރަށާއި ރައީސްއަށް އަމާޒުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ޖާބިރު ވާހަކަ ދައްކަވަމުން ވިދާޅުވީ، ކާށިދޫ ދާއިރާ ތަމްސީލު ކުރައްވަން މަޖިލީހުގައި ހުންނެވި ނަމަވެސް، އެމަނިކުފާނަކީ އައްޑޫ ރައްޔިތެއް ކަމަށާއި އައްޑުއަށް އިހުމާލު ވަމުންދާތީ ވަރަށް ވެސް ހިތަށް ތަދުވާ ކަމަށެވެ.
މާލެ އާއި މާލެ ވަށައިގެން އަނެއްކާވެސް (މިސަރުކާރުން) އިންވެސްޓު ކުރަމުންދާއިރު އައްޑު އާއި ހުވަދޫ އަދި ފުވައްމުލަކަށް ލިބޭ ތަރައްގީ އެއް ނެތް ކަމަށް ބުނެ ޖާބިރު ވަނީ ފާޑުވިދާޅުވެފައެވެ. މިސަރުކާރު ވެރިކަމަށް އައީ ޖަޒީރާ ރާއްޖެއެއް ހޯދާ ދިނުމަށް ކަމަށް ބުނެ، ވެރިކަން ލިބުމުން ފޯކަސް މާލެއަށް ބަދަލުވެފައިވާތީ ހިތްހަމަނުޖެހުން، މިއަދުގެ ޖަލްސާގައި ޖާބިރު ވަނީ ފާޅުކޮށްފައެވެ.
"ވަރަށް ޖަޒީރާ ވަންތަ ގޮތަކަށް ރާއްޖޭގެ ކަންކަން އޮންނަން ޖެހޭ ކަމަށް ދައުވާ ކުރާ އެމްޑީޕީން މިވިސްނަނީ ޖަޒީރާ ވީމަ އެއާޕޯޓުވެސް އޮންނަން ނުޖެހޭނެ ކަމަށް، ދޯނީގައި އުޅެން ޖެހޭ ކަމަށް. އެކަހަލަ ގޮތަކަށް އަޅުގަނޑުމެންނަށް މިފެނިގެން ދަނީ،" ޖާބިރު ވިދާޅުވިއެވެ.
އައްޑު އަތޮޅު ތަރައްގީ ކުރުމަށް ވައުދުވި ޕާޓީއަކީ އެމްޑީޕީ ކަމަށާއި ވެރިކަމަށް ދެއަހަރުވާން ކައިރި ވެފައިވާއިރު އެކަން ނުވެގެން އުޅެނީ ކީއްވެތޯ ޖާބިރު ސުވާލު ކުރެއްވިއެވެ. "އެހެންނަމަވެސް، އަދާ ހަމައަށް ފެނިގެންދިޔައީ އެއްވެސް ތަރައްގީއެއް އައްޑުއަށް ނައިތަން. އައްޑޫ މީހުން އަންބާ ކިޔައި ކޮންމެ ފަހަރަކު، އެމްޑީޕީ ވެރިކަން ގެންނަން ދެކުނުން ވަރަށް މަސައްކަތް ކުރޭ ކޮންމެ ފަހަރަކުވެސް،"
ރައީސް ސޯލިހު ރާއްޖޭގެ ހުރިހާ ކަންކޮޅެއް ތަރައްގީ ކުރައްވާ ނަމަ ރަނގަޅު ޕްލޭނެއް އޮންނަން ޖެހޭ ކަމަށް ޖާބިރު ޚިޔާލު ދެއްވިއެވެ. އަދި ހަމައެކަނި އެއާޕޯޓު ތަރައްގީ ކޮށްގެން ނުފުދޭ ކަމަށާއި ބޮޑެތި ފްލައިޓުތަކުން މީހުން ގެނަޔަސް މީހުން ތިބޭނެ ތަނެއް ނެތިއްޔާ ކުރާނެ ފައިދާއެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫގައި މިހާތަނަށް އޮތް ދެ ރިސޯޓު ކަމަށްވާ ކެނަރީފް އަދި ޝަންގްރިއްލާ ރިސޯޓުވެސް ހުއްޓާލަން ނިންމާފައިވާއިރު މިހާރު އައްޑޫގައި އޮތީ އަލަށް ހުޅުވި ސައުތް ޕާލް މޯލްޑިވްސް ރިސޯޓު އެކަންޏެވެ.