ކޮވިޑް-19 ޖެހޭ ބަލި މީހުންނަށް ފަރުވާ ދިނުމަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ ކުންފުންޏަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާ ދީގެން ހެލްތު މިނިސްޓްރީން މަސައްކަތް ހަވާލުކުރި ކުންފުންޏެއް ނޫންކަމަށް ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ބުނެފިއެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ ވެންޓިލޭޓަރު ގަތުމަށް ހަވާލުކޮށްފައިވާ ދުބާއީގެ "އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ"ގެ ފަންނީ އަދި މާލީ ޤާބިލްކަން ވަޒަންނުކޮށް، އެ ފަރާތަށް އެ މަސައްކަތް ޙަވާލުކޮށްފައިވަނީ، އެ ފަރާތަކީ ޑަބްލިއުއެޗްއޯ ގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ވާތީކަން ދޭހަވާގޮތަށް، މިނިސްޓްރީ އޮފް ހެލްތުގެ ލިޔެކިއުންތަކުގައާ އެ މިނިސްޓްރީން ދައުލަތުގެ މުއައްސަސާތަކަށް ފޮނުވާފައި ހުރި ލިޔެކިއުންތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް ހެލްތުން "އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިން" އާ 75 ވެންޓިލޭޓަރު ގަތުމަށް ޖުމްލަ ތިރީސް ހަތަރު މިލިއަން ފަސް ލައްކަ ދެ ހާސް ދުއިސައްތަ ފަންސާސް ރުފިޔާ އަށް ޙަވާލުކުރުމުގައި، "އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް" އަކީ އެފަދަ ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދެވޭނެ މާލީ އަދި ފަންނީ ޤާބިލްކަން ލިބިފައިވާ ކުންފުންޏެއްކަން، ހެލްތު މިނިސްޓްރީން ބަލާފައި ނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
"އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް"ގެ ފަންނީ އަދި މާލީ ޤާބިލްކަން ވަޒަންނުކޮށް، އެ ފަރާތަށް އެ މަސައްކަތް ޙަވާލުކޮށްފައިވަނީ، އެ ފަރާތަކީ ޑަބްލިއުއެޗްއޯ ގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ވާތީކަން ދޭހަވާގޮތަށް، މިނިސްޓްރީ އޮފް ހެލްތުގެ ލިޔެކިއުންތަކުގައާ އެ މިނިސްޓްރީން ދައުލަތުގެ މުއައްސަސާތަކަށް ފޮނުވާފައި ހުރި ލިޔެކިއުންތަކުގައި ބަޔާންކޮށްފައިވާ ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.
ޑަބްލިއުއެޗްއޯ އިން ޤަބޫލުކުރާ ސަޕްލަޔަރުންގެ ލިސްޓެއް މިނިސްޓްރީ އޮފް ހެލްތާ، ޑަބްލިއުއެޗްއޯ އިން ޙިއްޞާކޮށްފައި ނުވާކަމާއި، "އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް" ހިމެނޭގޮތުން، ވަކި ފަރާތަކުން ވެންޓިލޭޓަރު ގަތުމަށް ޑަބްލިއުއެޗްއޯ އިން މިނިސްޓްރީ އޮފް ހެލްތަށް އިރުޝާދުދީފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ހޯދި ހޯދުންތަކުން އެނގޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެއިތުރުން ޑަބްލިއުއެޗްއޯ އިން އެއްވެސް އިރެއްގައި، "އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް" އާއެކު، ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ކޮށްފައި ނުވާ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ޑަބްލިއުއެޗްއޯ އިން ޤަބޫލުކުރާ ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް ޑަބްލިއުއެޗްއޯ އިން މިނިސްޓްރީ އޮފް ހެލްތާ ޙިއްޞާކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓް އޮފީހުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.