Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

ތިން މިނިސްޓްރީއާ އޮޑިޓާ ޖެނެރަލް މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރަނީ

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: މަޖިލިސް

ޓޫރިޒަމް މިނިސްޓްރީއާ ހެލްތު މިނިސްޓްރީން ކޮވިޑް19 އާއި ގުޅިގެން ކޮށްފައިވާ ހޭދަތަކާއި ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލި އޮޑިޓު ރިޕޯޓުތަކުގެ މައްސަލާގައި ފިނޭންސް އަދި ހެލްތު މިނިސްޓްރީގެ ބޭފުޅުންނާއި އޮޑިިޓާ ޖެނެރަލް ހަސަން ޒިޔަތު މާލިއްޔަތު ކޮމެޓީ އަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު އިއްޔެ ވިދާޅުވީ އެ ދެ ރިޕޯޓުގައި ވެސް ކަންބޮޑުވާ ބައެއް ކަންކން ފާހަގަކުރެވޭތީ މާދަމާގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ދެ ރިޕޯޓު ވެސް ދިރާސާކުރުން އޮންނާނެ ކަމަށެވެ.

އެކަމާއި ގުޅިގެން މިއަދު ބޭއްވި ބައްދަލުވުމުގައި ނާޝިޒު ވިދާޅުވީ މާދަމާ އޮޑިޓާ ޖެނެރަލް ހާޒިރު ކުރާނެ ކަމަށެވެ. އަދި އެއަށްފަހު ފިނޭންސް މިނިސްޓްރީއާ ހެލްތު މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅުން ހާޒިރު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ބައްދަލުވުންތައް ކުރިޔަށް ގެންދާނީ ވަކިވަކިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ މި ދެ ރިޕޯޓުގައި ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީ އިން ޖުމްލަ 26 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އޭގެ ތެރެއިން 99 ޕަސަންޓު ހަރަދަކީ މިނިސްޓްރީގެ ތެރެއިން ކޮންމެހެން ހިނގަން ޖެހޭ ހަރަދުތަކެއް ނޫން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ ކުންފުންޏަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާ ދީގެން ހެލްތު މިނިސްޓްރީން މަސައްކަތް ހަވާލުކުރި ކުންފުންޏެއް ނޫންކަމަށް ވަނީ ބުނެފައެވެ.

އޮޑިޓް ރިޕޯޓުގައި މިގޮތަށް ބުނިއިރު މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސަރުކާރުން ވަނީ އެ ކުންފުންޏާއި މި ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތީން ކަމަށް ބުނެފައެވެ.

މީގެއިތުރުން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިން އަށް އެޑްވާންސް ޕޭމަންޓް ގެރެންޓީއަކާނުލައި 30.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ކުންފުންޏަށް ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ އެކަމަށް އެދި ހުށަހެޅި ދިވެހި ކުންފުނިތަކަށް ވުރެ ބޮޑު އަގެއްގައިކަން ވެސް ވަނީ ފާހަގަކޮށްފައެވެ.