ޗައިނާގެ ނަންޖިންގައި މިހާރު ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގެ 200 މީޓަރުގައި ޝަރަފުއްދީން ސްކޫލްގެ ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ހިތަދޫ ސޯނިއާ މަންޒިލް ހުސެއިން ޝަހިދާން ފަހުމީ ސެމީއަށް ދަތުރުކޮށް ރާއްޖެއަށް އާ ރިކޯޑެއް ހަދާ ދީފި އެވެ.
މިއީ ރާއްޖޭގެ ދުވުންތެރިއަކު ބައިނަލްއަގްވާމީ އެތުލެޓިކްސް މުބާރާތެއްގެ ސެމީ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރުއެވެ.
ޝަހުދާން ވަނީ ސެމީއަށް ދަތުރުކޮށް އޭޝިއޭގެ 200 މީޓަރު ދުވުމުގެ އެންމެ ބާރު 16 ދުވުންތެރިންގެ ތެރޭގައި ހިމެނިފައެވެ.
ރާއްޖެއިން މި މުބާރާތުގައި ބައިވެރިވުމަށް ގޮސްފައިވަނީ ފިރިހެން ދެ އެތުލީޓުންނެވެ. އޭގެ ތެރެއިން 200 މީޓަރު ފުރަތަމަ ހީޓްގައި 5 ދުވުމުންތެރިންނާއި އެކު ވާދަކޮށް ހަތަރު ވަނަ ހޯދި ދަރުމަވަންތަ ސްކޫލްގެ އަލީ އަނާލް އަކީވެސް އައްޑޫގެ އެތްލީޓެކެވެ.
މިއަހަރު ޖޫން މަހު ކުޅުދުއްފުށީގައި ބޭއްވި 18 ވަނަ އިންޓަ ސްކޫލް އެތްލެޓިކްސް މުބާރާތުގައި ޝަހުދާންވަނީ ބައިވެރިވި ހުރިހާ ދުވުމުން ގޯލްޑް މެޑެލް ހޯދާފައެވެ. އަދި އެ ނަތީޖާ އާއި ގުޅިގެން ޝަހުދާންއަށް ޗައިނާއިން ފުރުސަތު ލިބުނު އިރު އެތްލެޓިކްސް އެސޯސިއޭޝަނު އޭނާއަށް އެއްވެސް ކަހަލަ ތަމްރީނެއް ދީފައި ނުވެއެވެ.
ނަމަވެސް ރާއްޖެއިން ދެން ބައިވެރިވި އެތްލީޓުންނަކީ އެތްލެޓިސް އެސޯސިއޭޝަނުގެ ކޯޗުންގެ ބެލުމުގެ ދަށުން ތަމްރީނު ކުރި އެތްލީޓުންނެވެ.
މިއަހަރު މޭ މަހު އައްޑޫގައި ބޭއްވި ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގައި އެތްލެޓިކްސް އެސޯސިއޭޝަންގެ ރައިސް މުހައްމަދު ޠޮލާލް (ޠޮލާ) ވިދާޅުވީ އައްޑޫގައި ބޭއްވި މުބާރާތުން މޮޅު އެތްލީޓުން ފެނިގެން ދިޔަ ކަމަށާއި އެ އެތްލީޓުން މާލެ ގެންގޮސް އިތުރު ތަމްރީނު ދިނުމަށް ވިސްނާފައިވާކަމަށެވެ.
ނަމަވެސް އަދި އެފަދަ ކަމެއް ހިނގާފައި ނުވެ އެވެ.