ޖުމްހޫރީ ޕާޓި (ޖޭޕީ) ގެ ސްލޮޓެއްގައި ކެބިނެޓަށް އައްޔަން ކުރައްވާފައިވާ އެއްވެސް މިނިސްޓަރެއް ނުވަތަ ސިޔާސީ މަގާމަކަށް އައްޔަން ކުރައްވާފައިވާ ޖޭޕީގެ އެއްވެސް ބޭފުޅަކު ގާނޫނާ ހިލާފުވެގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަޅުއްވާ އެއްވެސް ފިޔަވަޅަކަށް އެޕާޓީ އިން ނުބެހޭނެ ކަމަށް ބުނެފިއެވެ.
އެޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހު މިއަދު ވިދާޅުވީ ކޯލިޝަން ޕާޓީއެއްގެ ހައިސިއްޔަތުން އެޕާޓީ އަށް ލިބޭ ސްލޮޓުތަކަށް ބޭފުޅުން ކަނޑައަޅާ ނަންތައް، އެޕާޓީން ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުމުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެބޭފުޅަކު ކެބިނެޓަށް ނުވަތަ އެނޫންވެސް ސިޔާސީ މަގާމަކަށް އައްޔަން ކުރައްވަނީ ގާނޫނުއަސާސީގެ 115ވަނަ މާއްދާގެ (ޅ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އެބޭފުޅަކަށް ހަވާލުކުރެވޭ މަސްއޫލިއްޔަތު ފުރިހަމަށް ގާނޫނީ ހަމަތަކުގެ ތެރެއިން އަދާ ކުރުމަށް ކަމަށެވެ.
އަލީ ސޯލިހު ވިދާޅުވީ ޖޭޕީން ފޮނުވާ ނަމެއް ސިޔާސީ މަގާމަކަށް އައްޔަން ކުރުމަށް ފަހު އެބޭފުޅަކު ސަރުކާރުގައި އަދާ ކުރާ މަސްއޫލިއްޔަތު އެޕާޓީން ބަލާ މޮނީޓާކޮށް ނުހަދާ ކަމަށެވެ. އަދި ދުވަހުން ދުވަހަށް އެބޭފުޅުންގެ މަސައްކަތްތަކާއި ގުޅޭ ކަންކަން ބަލާނީ ސަރުކާރުން އެކަމަކަށް ކަނޑައެޅިފައި އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
އެބޭފުޅަކު އުސޫލުތަކާ ގަވާއިދުތަކާ ގާނޫނުތަކުން ބޭރުން ކުރާ ކަމެއްގައި ރައީސް ސޯލިހު އަޅުއްވާ ފިޔަވަޅުތަކާ މެދު ޖޭޕީން ބަސްކިޔާ ގޮތް ކިޔާ ނުހަދާ ކަމަށާއި ޖޭޕީ އަކީ ތަހުގީގީ އިދާރާއެއް ނޫން ކަމުން އެއްވެސް ބޭފުޅަކާ މެދު އެކި ފަރާތްތަކުން ދައްކާ ވާހަކަތަކާއި ކުރާ ތުހުމަތުތައް ބަލާ ފިޔަވަޅު އަޅައެއް ނުހަދާނެ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
އަލީ ސޯލިހު ވިދާޅުވީ އެފަދަ ކަންކަން ބެލޭނެ ގާނޫނީ ނިޒާމުތައް ހުރިއިރު އެ ފަރާތްތަކުން ބަލަންޖެހޭ ކަންކަން ބަލާ، އަދި ކަމާބެހޭ އިދާރާއަކުން އެފަދަ ފިޔަވަޅެއް އެޅުމަށް އަންގާ އެންގުންތަކަށް ޖޭޕީން ބަސް ބުނަން ޖެހޭ ކަމަކަށް ނުދެކޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކަމެއްގައި އަޅުއްވާ ފިޔަވަޅެއް އަޅުއްވާނީ އެކަމެއް ބައްލަވަންވާ އެންމެ ފުރިހަމަ އަށް ބައްލަވާފައި ކަމާމެދު ޖޭޕީ އަކުން ޝައްކެއް ނުކުރާ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
އެހެންކަމުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ތިއްބެވި ޖޭޕީ ބޭފުޅުން ގަވާއިދާ ގާނޫނާއި ހިލާފަށް ކަމެއް ކުރައްވާފައިވާ ނަމަ އެކަމެއްގައި ނިންމާ ނިންމުމެއް ނުވަތަ އަޅާ ފިޔަވަޅެއް ވިއަސް ޖޭޕީ ނޫން އެހެން ޕާޓީއެއްގެ ބޭފުޅަކު އެފަދަ ކަމެއް ކުރެއްވި ނަމަވެސް އެކުރައްވާ ބޭފުޅަކާ މެދު ފިޔަވަޅު އެޅުމަކީ އެކަން އޮންނަން ޖެހޭ ގޮތް ކަމަށް ދެކޭ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.