Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

ވެންޓިލޭޓަރުގެ މައްސަލާގައި ކޮރަޕްޝަން ނެތް ކަމަށް ނުބުނަން: އޭސީސީ

އޭސީސީގެ މެމްބަރުން - ރައީސް އޮފީސް

ކޮވިޑު-19 އާއި ގުޅިގެން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި މައްސަލާގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް ބުނެފައި ނުވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގައި ޢަމަލު ކޮށްފައިވާ ގޮތާއި ގުޅޭގޮތުން އެ ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކީ، އެ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ތަޙުޤީޤުކުރަމުންދާ މައްސަލައެއް ކަމަށެވެ.

ވެންޓިލޭޓަރު ހޯދުމުގައި ޢަމަލުކޮށްފައިވާ ގޮތާގުޅޭ މައްސަލާގައި ރައްޔިތުންނާއި ދައުލަތުގެ އިދާރާތަކުގެ ކަންބޮޑުވުންތަކެއް ހުރުމުން، އެ މައްސަލާގައި އެ ކޮމިޝަނަށް އެހަތާނަށް ލިބިފައިވާ ލިޔެކިޔުންތަކާއި އަދި ތަޙުޤީޤަށް އަސަރުކޮށްފާނެ ފަދަ މަޢުލޫމާތު ނުހިމަނައި، މައްސަލާގައި ފާހަގަކުރެވުނު މައިގަނޑު ކަންކަން ހިމެނޭގޮތަށް ޚުލާޞާ ރިޕޯޓެއް އެކުލަވާލައި މިދިޔަ މެއި މަހުގެ 21ވަނަ ދުވަހުގައި އާންމުކޮށްފައިވާއިރު، އޭރު އެމައްސަލާގައި އޭސީސީން ވަކިގޮތެއް ނިންމާފައިނުވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އަދި، އެ ރިޕޯޓަކީ، މައްސަލައިގެ ތަޙުޤީޤު ރިޕޯޓެއް ނޫންކަން ބަޔާންކޮށް، އެ ކޮމިޝަނުން ރިޕޯޓު އާންމުކުރި އިރުގައިވެސް މައްސަލަ އިތުރަށް ތަޙުޤީޤު ކުރިއަށްދާކަން ފާހަގަކޮށްފައިވާނެ ކަމަށާއި އަދި، މައްސަލާގައި ކޮރަޕްޝަނުގެ ޢަމަލެއް އެކުލެވިގެން ނުވާކަމަށް ކޮމިޝަނުން ނިންމާފައެއް ނުވާނެ ކަމަށް އޭސީސީގެ ބަޔާނުގައިވެއެވެ.

އެ ރިޕޯޓު އާންމުކުރުމުގެ މައިގަނޑު އެއް މަޤުޞަދަކީ، އެ މައްސަލައަކީ ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ކަމަކަށްވެފައި، އެ މައްސަލަ ކުރިއަށްނުދާ ކަމަށް ދޭހަވާގޮތަށް ވާހަކަދެކެވި އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާތީ، އެމައްސަލައިގެ ތަޙުޤީޤުގެ މަސައްކަތް އެހާތަނަށް ގޮސްފައިވާ ހިސާބު އަންގައިދީ، ރައްޔިތުންނަށް ޖަވާބުދާރީވުން ކަމަށް އޭސީސީން ބުންޏެވެ. އޭސީސީން ބުނީ އެ މައްސަލާގައި ކޮރަޕްޝަނުގެ ޢަމަލެއް ހިނގާފައި ނެތް ކަމަށް އެ ކޮމިޝަނުން ނިންމާފައިވާކަން ދޭހަވާގޮތަށް ދެކެވޭ ވާހަކަތަކީ ޙަޤީޤަތަކާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

އެ މައްސަލައިގެ ތަޙުޤީޤުގެ މަސައްކަތް މިހާރު ފުރިހަމަކުރުމުގެ މަރުޙަލާގައިވާއިރު، އަދި މިހާތަނަށް ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް އެ މައްސަލާގައި ތުހުމަތު ކުރެވޭ ކަންކަމާ ގުޅޭގޮތުން ޕްރޮސިކިއުޓަރު ޖެނެރަލްއާއެކު މި ހަފްތާ ތެރޭގައި މަޝްވަރާކުރަން ފަށާނެ ކަމަށް އޭސީސީން ބުންޏެވެ.