ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ދަރިވަރުންނަށް ސްކޫލުގައި ކިޔަވާދޭ ވަގުތުތައް މަދުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ ކިޔަވައިދިނުން 45 މިނިޓުން 35 މިނިޓުގެ ވަގުތަށް މަދުކޮށްފައިވާ ކަމަށް ބުނެފައެވެ.
އެގޮތަށް އަމަލުކުރުމަށް އަންގާފައި ވަނީ މި މަހުގެ 23ވަނަ ދުވަހުން ފެށިގެންނެވެ. އަދި ކުރިންވެސް ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށާއި އެގޮތުން ދަރިވަރުން ލައްވާ އަތް ދޮވުން ފަދަ ކަންކަން ކުރިޔަށް ގެންދިއުމަށް އެޑިއުކޭޝަން އިން ވަނީ ސްކޫލުތަކަށް އަންގާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ނިންމީ ޕްރިންސިޕަލުންނާއި ޓީޗަރުންގެ ފަރާތުން ލިބުނު ހިޔާލާ މަޝްވަރާތަކަށްފަހު ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ރާއްޖެއިން ކޮވިޑް19 ފެނުމާއި ގުޅިގެން އެޅި ފިޔަވަޅުތަކާއި އެކުގައި ސްކޫލުތައް ބަންދުކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 12ވަނަ ދުވަހުއެވެ. އޭގެފަހުން ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ސްކޫލުތައް އަލުން ހުޅުވާލީ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ.
އޭރު މާލެ ސަރަހައްދުގައި ކިޔަވައިދޭން ފެށީ ގްރޭޑު 9 އިން މައްޗަށެވެ. އެހެން ރަށްރަށުގައި މިދިޔަ މަހުން ފެށިގެން ހުރިހާ ގްރޭޑަކަށް ވެސް އަންނަނީ ކިޔަވައިދެމުންނެވެ.