ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ޖެހޭ ގޮތަށް ޖިންސީ ގާނޫނަށް ހުށަހެޅި އިސްލާހަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ބިލަށް އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، ސެޕްޓެމްބަރު މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ކޮމިޓީގެ އީމެއިލް އެޑްރެސް mv.gov.majlis@committee އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ އިސްލާހުގައި ރޭޕްގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައި ދިނުމުގައި ހެކި ނެތިގެން މައްސަލަތައް ސާބިތު ނުވާތީ އިންސާފު ހޯދައި ދިނުމަށް ހުރަސް އެޅޭ ކަމަށް ބުނެފައިވެއެވެ.
އިސްލާހުގައި ބުނެފައި ވަނީ ކުށުގެ ޝިކާރައަކަށްވާ މީހާގެ އަންނައުނުން ސާމްޕަލް ނަގާ އެ ސާމްޕަލްގެ ފޮރެންސިކް ތަހުލީލު ކުރުމަކީ ލާޒިމް ކަމެއް ކަމަށެވެ. އެ ތަހުލީލުތައް ކުރުމަށް އިސްލާހުގައި ވަނީ ރޭޕް އެވިޑެންސް ކިޓު ބޭނުން ކުރަން ހުށަހަޅާފައެވެ. އިސްލާހުގައި ބުނެފައި ވަނީ ރޭޕް އެވިޑެންސް ކިޓުން ކުރިމަތި ފަރާތާއި ފުރަގަސް ފަރާތުން ނަގާ ސާމްޕަލް އާއި އަނގައިން ނަގާ ސާމްޕަލް އާއި ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލް ވެސް ނެގެން ޖެހޭނެ ކަމަށެވެ.
ރޭޕް ކިޓުން ޓެސްޓު ހެދުމުގެ ތަމްރީން ލިބިފައިވާ ޑޮކްޓަރެއް ނުވަތަ ނަރުހެއް ކޮންމެ ސިއްހީ މަރުކަޒެއް ނުވަތަ ހޮސްޕިޓަލެއްގައި ތިބިތޯ ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން ކަށަވަރު ކުރުމަށްފަހު އެކަމާއި ގުޅޭ ރިޕޯޓެއް އަހަރަކު އެއްފަހަރު ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން އެކުލަވާލަން ޖެހެއެވެ. އަދި އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ވެސް ހިއްސާ ކުރަން ޖެހެއެވެ.