Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

ބީލަންތަކުގެ އިވެލުއޭޝަން ހުލާސާ ފިނޭންސުން އާއްމުކުރަން ފަށައިފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ނޭޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް ކުރިއަށް ގެންދާ ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާގެ ހުލާސާ ރިޕޯޓެއް ފިނޭންސް މިނިސްޓްރީން އާންމުކުރަން ފަށައިފިއެވެ.

މިއީ ފިނޭންސް މިނިސްޓްރީން ބީލަންތަކުގެ މައުލޫމާތު މިގޮތަށް އާއްމު ކުރާ ފުރަތަމަ ފަހަރެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ މާލީ ކަންކަން އިތުރަށް ހަރުދަނާކޮށް، ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ކުރާ މަސައްކަތުގައި ކުރިއަށްދާން އެޅުނު މުހިއްމު ހަރުފަތެއް ކަމުގައި ވާނެ ކަމަށެވެ.

މިވަގުތު ވެބްސައިޓުގައި ޝާއިއު ކޮށްފައި ވަނީ ހަމަ އެކަނި މި އަހަރު ކުރިއަށް ގެންދިޔަ ބީލަންތަކުގެ އިވެލުއޭޝަން ހުލާސާ ކަމަށާއި މި މަހުގެ ނިޔަލަށް 2019 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންގޮސްފައިވާ ބީލަންތަކުގެ މައުލޫމާތު ވެސް ޝާއިއު ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިވެލުއޭޝަން މަރުހަލާ ހުލާސާގައި ބީލަމަށް ކުރިމަތިލީ ފަރާތްތަކާއި އެފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކާ އަދި އިވެލުއޭޝަނުން ފާސްވިކަން ނުވަތަ ނުވާކަން އެނގޭނޭހެން ބަޔާންކޮށްފައިވެއެވެ.