ޝިޕިން އެޖެންޓުންނާއި ފުރައިޓް ފޯވަޑަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް މިހާތަނަށް 21 ފަރާތެއް ރަޖިސްޓްރީ ކޮށްފިއެވެ.
ރައްޔިތުން މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ ޝިޕިން އެޖެންޓުން ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި 112 ފަރާތެއް އެކަމަށް އެދުނު ކަމަށެވެ.
އެހެންނަމަވެސް މިހާތަނަށް ހުއްދަ ދީފައި ވަނީ 21 ފަރާތަކަށް ކަމަށް އާދިލް ވިދާޅުވިއެވެ. ޝިޕިން އެޖެންޓުން ރަޖިސްޓްރީ ކޮށްގެން ވަކި ލައިސަންސެއްގެ ދަށުން ނޫނީ ފްރައިޓު ފޯވަޑިން ހިދުމަތް ނުދެވޭނެ ގޮތަށް ގަވާއިދެއް ހަދާފައި ވަނީ ގިނަބައެއްގެ ޝަކުވާ އެކަމުގައި ލިބެމުން އަންނާތީ ކަމަށް އާދިލް ވަނީ ވިދާޅުވެފައެވެ.
ޝިޕިން އެޖެންޓުން ރެޖިސްޓްރީ ކުރުމާ ގުޅޭ ގަވައިދުގައި ބުނީ ޝިޕިން އޭޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރާއި ކޮންސައިނީ މުދަލެއް ހަވާލުކޮށް އެ މުދާ އެންމެ ފަހު ބަނދަރަށް ބޭލުމާ ހަމަޔަށް ދައްކަން ޖެހޭ އެންމެހާ ފައިސާ ދައްކަން ވާނީ ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވާޑަރު ކަމަށެވެ.
ކޮންސައިނީއަށް ޑެލިވަރީ އޯޑަރު ދޫކުރުމަށް ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވާޑަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ކުރިން އެއްބަސްވެފައިވާ ފުރައިޓުގެ އިތުރަށް އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން ފީއެއް ނަގައިގެން ނުވާނެ ކަަށް ގަވާއިދު ބުނެއެވެ.