ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް އެއްގަމު އުޅަނދުތައް ނުދުއްވޭ ގޮތް ހެދުމުން ރެސްޓޯރަންޓްތަކުގެ އިސްވެރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފިޔަވަޅުތަކާއި ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފިއެވެ.
ރެސްޓޯރަންޓުތަކުގެ އިސްވެރިން ބުނަމުން ދަނީ އެމީހުންގެ ވިޔަފާރިތައް މިހާރުވެސް އިނދަޖެހިފައިވާ ކަމަށެވެ. އިތުރަށް އެމީހުން ބުނީ މިހާރު އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކުގެ ސަބަބުން އިތުރަށް އެމީހުންގެ ވިޔަފާރިއަށް ދަތިވާނެ ކަމަށާއި ވިޔަފާރި ހުއްޓޭނެ ކަމަށެވެ.
ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް19 އާއި ގުޅިގެން ގިނަ ރެސްޓޯރަންޓްތައް ވަނީ ބަނގުރޫޓުވާ ހިސާބުގައި ކަމަށެވެ.
ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކާ އެޗްޕީއޭ އިން ވަނީ ރެއިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 8 އިން ފަތިހު 5 އާއި ހަމައަށް ވެހިކަލް ދުއްވުން މަނާކުރަން ނިންމާފައެވެ. މި ނިންމުމާ ހިލާފުވާ ފަރާތްތައް 1،000 ޖޫރިމަނާ ކުރަން ވެސް ވަނީ ނިންމާފައެވެ.
މި ނިންމުމަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު އެޗްޕީއޭ އިން މިއަދު ބުނީ މި ނިންމުމުގެ އަމާޒަކީ އެންމެ ބޮޑަށް ބަލި ފެތުރޭކަމަށް ރިކޯޑުކުރެވިފައިވާ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުމަކަށް ގެނައުން ކަމަށެވެ.